ސިޔާސީ އަދި ދީނީ ބައިބައިވުމާއި ތަފާތު ފިކުރުތަކަށް ސިފައިންގެ ތެރޭގައި ޖާގަ އޮވެގެން ނުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ޑިފެންސް އިންސްޓިޓިއުޓް ފޮރ ޓްރޭނިންގ އެންޑް އެޑިޔުކޭޝަންގެ ފަރާތުން ހިންގި 58 ވަނަ އަސާސީ ތަމްރީން ކޯހުގެ ބައިވެރިން، ސިފައިންގެ ހުވާ ކުރުމަށްޓަކައި މިއަދު ހެނދުނު ބަންޑާރަ ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ސިފައިންނަކީ އެއް ފިކުރެއްގެ ވެރި ބައެކެވެ. އެއީ ޤައުމީ ފިކުރެވެ. ވަޠަނީ ފިކުރެވެ. ޤައުމަށް ހެޔޮގޮތާއި މޮޅުގޮތް ލިބުމުގެ ފިކުރެވެ. ސިފައިންގެ މި ފިކުރު ކަފިކަފިކޮށްލުމަށްޓަކައި ކުރެވޭ ހުރިހާ ކަމަކަށް ސާބިތުކަމާއެކު ސިފައިން ކުރިމަތިލާންޖެހޭނެ ކަމަށާއި، މި ލަޝްކަރުގެ ބަދަހިކަމަށް އެއްވެސް ލޮޅުމެއް އައުމަށް ޖާގަދީގެން ނުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޑިމޮކްރެޓިކް ނިޒާމެއްގައި ހުރިހާ ބާރަކީވެސް ރައްޔިތުންގެ ކިބައިން ފެށިގެން އަންނަ އެއްޗެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، އެ ޑިމޮކްރެޓިކް ނިޒާމު ރައްކާތެރިކޮށް ޙިމާޔަތްކޮށް ދިނުމަށް ރައްޔިތުން މަތިކޮށްފައިވާ ބަޔަކީ ޤައުމުގެ ސިފައިން ކަމުގައި ވިދާޅުވިއެވެ. އެހެންކަމުން، އެ ނިޒާމަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމެއް ދިފާޢީ ބާރުގެ ތެރެއިން ކޮށްގެން ނުވާނެ ކަމަށާއި، އަދި، އެފަދަ ކަމަކަށް އެހެންބަޔަކަށް ޖާގަ ދީގެންވެސް ނުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. "އެ ދިފާޢީ ބާރު ވާންޖެހޭނީ ޤައުމުގެ ރައީސުލްޖުމްހޫރިއްޔާއަށްވެސް އަދި ޤާނޫނު ހަދާ މަޖިލީހަށްވެސް އަދި ހަމައެހެންމެ، ފަނޑިޔާރުގެއަށްވެސް ފުރިހަމައަށް ޖަވާބުދާރިވާ ބަޔަކަށް. ޤައުމީ މަޞްލަޙަތު ޙިމާޔަތްކުރާ ޚާދިމަކަށް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޤައުމުގެ ދިފާޢީ ލަޝްކަރު ވާންޖެހޭނީ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރާ ބަޔަކަށްކަން ފާހަގަކުރައްވަމުން، މިނިވަން މުސްތަޤިއްލު ކޮންމެ ޤައުމެއްގައިވެސް ޤައުމުގެ ދިފާޢީ ބާރަކީ، އެ ޤައުމެއްގެ ދިފާޢީ އެންމެފަހުގެ އައްޑަނަ ކަމުގައި ވިދާޅުވިއެވެ. އެހެންކަމުން ސިފައިންވާންޖެހޭނީ، ވަރަށް ކެރޭ، ވަރަށް ހުޝިޔާރު، ހިތްވަރުގަދަ އަދި ނުގުޑާފަދަ ޢަޒުމެއްގައި ދެމިތިބޭ ބަޔަކަށް ކަމަށާއި، މުޖުތަމަޢުގެ އޮއިވަރުތަކުން ނެއްޓި، ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން އަދި ޤައުމީ މަޞްލަޙަތު، އެހެން ހުރިހާ ކަމެއްގެ ކުރިއަށް ނެރޭ ބަޔަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރާއްޖެފަދަ ޅަފަތުގައި އޮތް ޑިމޮކްރަސީއެއްގައި ދިފާޢީ ލަޝްކަރު ބަދަހިވާންޖެހޭނެކަން ވަޒަންކުރެއްވޭނެކަން ބަޔާންކުރައްވަމުން، ޤައުމުގެ އެހެނިހެން ޑިމޮކްރެޓިކް މުއައްސަސާތަކާއި ނިޒާމުތައް ދޮންވެ ފައްކާވުމަށް ޤާއިމްކޮށްދޭންޖެހޭ އަމާން، އޮމާން އަދި ސަލާމަތްތެރި ވެށި ތަނަވަސްކޮށްދިނުމުގައި، ދިފާޢީ ބާރުގެ ދައުރު ދެނެގަންނަންޖެހޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިހުރިހާ ކަމަކީވެސް ސިފައިންގެ މީހާގެ އުޅުމާއި ގުޅުން ބައްޓަންކުރަންޖެހޭ ގޮތުގެ އުޞޫލު ބަޔާންވެގެންވާ ސިފައިންގެ ކޯޑް އޮފް އެތިކްސްގެ ތެރެއިން ޙާޞިލުވާނެ ކަންކަން ކަމަށް ވިދާޅުވެ، ސިފައިންގެ ކޯޑް އޮފް އެތިކްސްގެ އަސާސްތަކާއި، އަޚްލާޤީ ވާޖިބުތަކުގެ މަތީގައި ސާބިތުވެ ތިއްބެވުމަށް ހުރިހާ ސިފައިންނަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ އިލްތިމާސް ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، 58 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަކުރުމުގެ ތެރޭގައި ރެކްރޫޓް އިސްމާޢީލް ޙަބީބު ނިޔާވިކަމީ ވަރަށް ފުން ހިތާމަތެކއް ލިބިވަޑައިގެންނެވި ކަމެއް ކަމަށް ވިދާޅުވެ، މަރްޙޫމް އިސްމާޢީލް ޙަބީބުގެ ފުރާނައަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދިވަޑައިގެންނެވިއެވެ. އަދި އެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެންނެވިއެވެ.