އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މިޝެލް ޖޭ. ސިސޯން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ސިޔާސީ މަސްރަޙު މިހާރު އޮތް ގޮތާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމެރިކާއިން ރާއްޖެއާމެދު ބަހައްޓަވާ ގާތް ކަމަށާއި، އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި ރާއްޖޭގައި އަމަންއަމާންކަމާއި ހަމަޖެހުން ޤާއިމުކުރުމަށްޓަކައި ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާބެހޭ މަޢުލޫމާތުވެސް އެމެރިކާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރެއްވިއެވެ.

އެމެރިކާ ސަފީރުގެ ވާހަކަފުޅުގައި، އެމެރިކާއަކީ އަބަދުވެސް ރާއްޖޭގެ ރަޙްމަތްތެރިއެއްކަމުގައި ވިދާޅުވެ، ރާއްޖެއަށް ބޭނުންވާ ކަންކަމުގައި، އެމެރިކާ ސަރުކާރުން ރާއްޖެއަށް އެއްބާރުލެއްވުން ދެއްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.