ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް، އިންޑިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓަރ ޑައިނޭޝްވަރް މުލޭ، މިއަދު ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު އޮތް މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި އިންޑިއާއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ރަޙްމަތްތެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކަށާއި، އެކި ގޮތްގޮތުން ދެއްވި އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި މިސްޓަރ މުލޭއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ރާއްޖެއާއި އިންޑިޔާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން ކުރިއަށް އޮތް ތާނގައި އިތުރަށް ވަރުގަދަ ވެގެންދާނެކަމަށް ޔަޤީންކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިސްޓަރ މުލޭގެ ވާހަކަފުޅުގައި، އިންޑިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ މަޤާމުގައި ހުންނަވައިގެން، ރާއްޖޭގައި ހޭދަކުރެއްވި ދުވަސްތަކަކީ ވަރަށް އުފާވެރި އަދި ވަރަށް ތަފާތު ތަޖުރިބާތަކެއް ކުރެއްވުނު ދުވަސްތަކެއް ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖެއަށް ޚިދުމަތް ކުރެއްވުމަކީ، ވަރަށްބޮޑު އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެއް ކަމުގައިވެސް މިސްޓަރ މުލޭ ވިދާޅުވިއެވެ.