ރާއްޖޭގެ ޤާނޫނުއަސާސީ އިޞްލާޙު ކުރުމަށާއި، ވަކި ދުވަހެއްގެ ކުރިން ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރު އިސްތިޢުފާދީ، އިންތިޚާބެއް ބާއްވަންޖެހޭނެ ކަމަށް ބުނުމާއި، ބޭރު ޤައުމުތަކުގެ މަންދޫބުން ރާއްޖޭގެ ސިޔާސީ ޙަރަކާތްތަކުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ، ސަރުކާރުން ގަބޫލު ކުރައްވާނެ ކަމެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި، އަޅުގަނޑުމެންގެ މި ފަޚްރުވެރި ސިޔާސީ މިނިވަންކަމުގެ މައްޗަށް އަތްގަދަކޮށް، ވެރިވެގަންނަން މަސައްކަތްކުރާ ފަރާތްތައް، މަދުނުވާނެކަން ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ ކަންކަމުގައި، ބައިނަލްއަޤްވާމީ އަދި އިންސާނީ ހަމަތަކުގެ ތެރެއިން ފުރިހަމަނުވާ ކަންކަން ފުރިހަމަކުރުމުގައި، ބޭރުގެ ފަރާތްތަކުގެ ކަންބޮޑުވުންތައް ހުރުމަކީ، މައްސަލައެއް ނޫން ކަމަށާއި، އެފަދަ ކަންކަން ހުރިނަމަ، ސަރުކާރުން އެކަންކަމަށް ޙައްލުތަކެއް ގެންނަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. [ކުޑަ ޤައުމަކަށްވާތީ، ކުޑަކޮށް އިންޞާފް ދިނުމަކީވެސް ސަރުކާރުން ބަލައިގަންނާނެ ކަމެއް ނޫން. އެފަދަ ފިއްތުންތަކަކީ، ސީދާ ޤައުމުގެ މިނިވަންކަމާ ގުޅިފައިވާ ކަންކަން. ވަކި ސަރުކާރަކާ ގުޅިފައިވާ ކަންކަމެއް ނޫން. މުޅި ޤައުމަށްޓަކައި ޙައްލުކުރަންޖެހޭ ކަންކަން.] ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި، ދިވެހިންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކޮށް، ދިވެހިންގެ އިސްލާމީ ޢަޤީދާ ވަރުގަދަކުރުމަކީ އެންމެ އިސްކަންދެއްވާ އެއްކަންތައްކަން ފާހަގަކުރެއްވިއެވެ. މި ރޮނގުން ރިޔާސީ ބަޔާން ކުރިއަށް ގެންދަވަމުން، ދީނީ ހަރުކަށިކަން އެއްކިބާކޮށް، އިސްލާމްދީން ގޮވާލައްވާފައިވާ މެދުމިނުގެ ސިޔާސަތުތައް ތަންފީޛުކުރެއްވުމަށް ގިނަ މަސައްކަތްތަކެއްވަނީ މިދިޔަ އަހަރުގެ ތެރޭގައި ކުރެއްވިފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީޤައުމަކަށްވެ އޮވެ، ދިވެހިރާއްޖެއިން ތަރައްޤީއާއި ތަމައްދުނުގެ ރޮނގުގައި އަދި އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމުގައި އަޅާފައިވާ ގިނަގުނަ ފިޔަވަޅުތަކަކީ، މުޅި ދުނިޔެއިންވެސް ބަލައިގަންނަ ފިޔަވަޅުތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިވެހިންނަކީ ޒަމާނުއްސުރެ މިނިވަންކަން ދިފާޢުކޮށްފައިވާ ބައެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، ބޭރުގެ އެކިފަރާތްތަކުން، ދިވެހިރާއްޖޭގެ މިނިވަންކަމާ ތޮޅެންފެށި ކޮންމެފަހަރަކުމެ، އަޅުގަނޑުމެންގެ ކާބަފައިންވަނީ ލެޔާއި ފުރާނައިން ހަނގުރާމަކޮށް، ދިވެހިންގެ މިނިވަންކަން ދިފާޢުކޮށްފައި ކަމަށް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ރާއްޖޭގެ ހިތްގައިމު ގޮނޑުދޮށްތަކުގައި ބަސްބުނާނޭ ބަޔަކީ ހަމައެކަނި ދިވެހިންކަމުގައި ކަނޑައަޅާދީފައެވެ. ރާއްޖޭގެ ޚާރިޖީ އަދި ދާޚިލީ މިނިވަންކަން ނަގަހައްޓާފައެވެ. ކިތަންމެ އުނދަގޫ ނިންމުންތަކެއް ނިންމަންޖެހުނު ކަމުގައިވީ ނަމަވެސް، އިޤްތިޞާދީ މިނިވަންކަންވެސް ޙިމާޔަތްކޮށްފައެވެ. މިއީ، ދިވެހިންގެ ފަޚުރުވެރި ތާރީޚެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި، ރާއްޖެ، މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި، މިއަދާ ހަމައަށްވެސް ދެމިއޮތުމުގެ ސިއްރަކީ، އަޅުގަނޑުމެންގެ ކާބަފައިން ޤައުމަށްޓަކައި ކޮށްދެއްވި އިޚްލާޞްތެރި ޚިދުމަތްކަމާއި، އަދި މި ޤައުމުގެ އެއްބައިވަންތަކަމުގެ ސިއްރަކީ، މާތްވެގެންވާ އިސްލާމްދީންކަން ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، އެއްދީނެއްގައި ތިބި، އެއްބަހަކުން ވާހަކަދައްކާ، އެއް ނަސްލެއްގެ ބަޔަކަށްވުމީ، އަޅުގަނޑުމެންނަށް ލިބިފައިވާ އެންމެ ބޮޑު އެއް ނިޢުމަތެވެ. ޤައުމެއްގެ ހައިސިއްޔަތުން ބައިބައިވެ، ވަކި ޤައުމިއްޔަތުތަކެއް ބިނާކުރަންޖެހޭ ސަބަބެއް އަޅުގަނޑުމެންގެ ނެތެވެ. ޤައުމުގެ މަޞްލަޙަތުގައި އެއްބައިނުވެވޭނޭ ސަބަބެއްވެސް އަޅުގަނޑުމެންގެ ތެރޭގައި ނެތެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި އަޅުގަނޑުމެންގެ ކާބަފައިން އުފުލި ބުރަ މަސްއޫލިއްޔަތަށްވުރެ ބޮޑު މަސްއޫލިއްޔަތެއް މިއަދު އަޅުގަނޑުމެން އުފުލަން އެބަޖެހޭ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އަޅުގަނޑުމެންނަށާއި އަޅުގަނޑުމެންގެ ދަރިންނަށް ލިބިފައިވާ ހިތްފަސޭހަކަމަކާއި، ތަޢުލީމަކާއި، ކުރިއެރުންތަކެއް ލިބިފައިވަނީ، އެ ކާބަފައިން ކުރެއްވި ބުރަ މަސައްކަތުންނާއި، މި ޤައުމު މިނިވަންކަމާއެކު މިހިސާބަށް ގެންނަވައި، ޤައުމުގެ ވަސީލަތްތައް ޙިމާޔަތް ކުރައްވައި ޤައުމުގެ ސިޔާދަތު ޙިމާޔަތް ކުރެއްވުމުގެ ސަބަބުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ރޮނގުން ރިޔާސީ ބަޔާން ކުރިއަށް ގެންދަވަމުން، އިސްލާމްދީނުގެ މަތިވެރި ޢަޤީދާގައި، އަޅުގަނޑުމެން ފައިތިލަ ސާބިތުކޮށް، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ދެމެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް، ކެތްތެރިކަމާއި ސާބިތުކަމާއެކު އަޅަމުން ގެންދިޔުމަކީ، ދިވެހި ކޮންމެ ފަރުދަކު މިއަދު ސަމާލުކަން ދޭންޖެހިފައިވާ ކަމެއްކަން ރައީސުލްޖުމްހޫރިއްޔާ ހަނދާންކޮށްދެއްވިއެވެ.