ދަރިންގެ އުފެއްދުންތެރި ސިކުނޑި ތަރައްޤީ ނުކޮށެއް ދިވެހިރާއްޖެ ތަރައްޤީއެއް ނުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އޮލިމްޕަސް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށްފަހު އެތަން އަލުން ހުޅުއްވައި ދެއްވުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި އަޅުގަނޑުމެންގެ ތެރޭގައި އުސް ޢިމާރާތްތައް ކުރެވެނީކީ ރާނަން ދަންނަ މީހުން ތިބޭތީކީ ނޫނެވެ. އަޅުގަނޑުމެންގެ މަސްދޯނިތައް ބޮޑެތިވެ، ފުޅާވަމުން ދަނީކީ ވަޑާންކުރަން ދަންނަ މީހުން ތިބޭތީކީ ނޫނެވެ. މިއިން ކޮންމެ އެއްޗެއްގެވެސް އަޞްލަކީ، ކޮންމެވެސް މީހެއްގެ ސިކުނޑީގައި އުފެދޭ ކުރެހުމަކާއި، ތަޞައްވުރަކާއި، ވިސްނުންތެރިކަމަކާއި އުފެއްދުންތެރިކަމެކެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ ޙަޟާރަތު އަންނަ އޮތް ޖީލުތަކަށް ދައްކައިދެވޭނީ، ދިވެހި ދަރިންގެ ސިކުނޑީގައި ހުރި އުފެއްދުންތެރިކަމެއްގެ ސަބަބުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އޮލިމްޕަހުގެ ތާރީޚަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، މީގެ 54 އަހަރު ކުރިން އޮލިމްޕަސް ޢިމާރާތް ކުރެވުނުއިރު، އެ ޢިމާރާތަކީ ރާއްޖޭގައި ހުރި އެންމެ ބިޔަ، އެންމެ ހައިބަތު ހުރި އެންމެ ރީތި ޢިމާރާތްކަން ފާހަގަކުރެއްވިއެވެ. މި ޢިމާރާތް ރަމްޒުކޮށްދެނީ ދިވެހި ދަރިންގެ އުފެއްދުންތެރިކަން ކަމަށާއި، ދިވެހިރާއްޖޭގެ ދަރިންގެ އުފެއްދުންތެރި ސިކުނޑިތައް ތަރައްޤީ ކުރެއްވުމަށާއި، ރާއްޖެ ތަރައްޤީ ކުރެއްވުމަށްޓަކައި އާޓްސް އެންޑް ކަލްޗަރ ދިރުއްވުމަށް އޭރުގެ ބޮޑުވަޒީރު އަލްމަރްޙޫމް އިބްރާހީމް ނާޞިރު ދެކެވަޑައިގެންނެވި ހުވަފެންފުޅު ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަޅުގަނޑުމެން މިއަދު މި އުފާކުރަނީ މި ޢިމާރާތުގައި ހަމައެކަނި ފިލްމު ދެއްކޭތީކީ ނޫން ކަމަށްވެސް ވިދާޅުވިއެވެ. އަދި ޤައުމުގައި އަޅުގަނޑުމެންގެ ޅަދަރިންންގެ އުފެއްދުންތެރިކަން ކުރިއެރުވުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަކީ އަޅުގަނޑުމެންގެ ޤައުމަށްޓަކައި ކުރަންޖެހޭ ކަމެއް ކަމަށާއި، މުސްތަޤްބަލުގައި އަންނަ މީހުން ޤައުމު ދެކޭނީ އަދި ފެންނަން ހުންނާނީ މިހާރު ތިބި ބައެއްގެ އުފެއްދުންތެރިކަމުން ނެރުނު އެއްޗެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޭ މި ފެނުނު މަސައްކަތަކީ، ރާއްޖޭގެ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ދަރިންނަށް ފުރިހަމަ ތަޢުލީމެއް ދިނުމަށްޓަކައި ރާއްޖޭގެ ދަރިންގެ ސިކުނޑިތައް ތަރައްޤީ ކުރުމަށްޓަކައި ކުރަންޖެހުނު ހުރިހާ މަސައްކަތެއްކުރުމަށްޓަކައި ލިބޭ ޢަޒުމެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އޮލިމްޕަސް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވި ހުޅުވިގެން މިދިޔައީ އެތައް ބޭފުޅުންނެއްގެ އެހީތެރިކަމާއި އެއްބާރުލެއްވުމާއެކީގައިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވައި، އެ ހުރިހާ ބޭފުޅުންނަށް ޝުކުރުއަދާކުރެއްވިއެވެ. އަދި މިކަމަށް ބޮޑު ހޭދައެއް ކުރައްވައި، މިކަން ޙަޤީޤަތަކަށް ހައްދަވައިދެއްވުމަށްޓަކައި ވަރަށް ދީލަތިކަމާއެކު އެހީވެވަޑައިގެންދެއްވި ހުރިހާ ބޭފުޅުންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރެއްވިއެވެ. ރައްޔިތުންނަށްޓަކައި ހިތްހެޔޮ ވަރަށް ދީލަތި ބޭފުޅުން އަޅުގަނޑުމެންގެ ތެރޭގައި ތިއްބެވިކަން މިކަމުން ދޭހަވެގެން ހިނގައްޖެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.