މީގެ 3 ދުވަސްކުރިން ޒިނޭގެ ކުށުގައި ޙުކުމްކުރެވިފައިވާ، 15 އަހަރުގެ އަންހެންކުއްޖާއަކީ، ޢުމުރުން 12 އަހަރުއްސުރެ، (2009 އިން ފެށިގެން) އޭނާއަށް އެކިފަރާތްތަކުން ޖިންސީ ގޯނާ ލިބެމުންދާކަމުގެ ޝަކުވާ، ދައުލަތަށް ލިބިފައިވާ ކުއްޖެކެވެ. އަދި ދައުލަތާއި، މުޖުތަމަޢާއި، އޭނާގެ ޢާއިލާއާއި އަޅުގަނޑުމެންގެ އެހީތެރިކަން ލިބެންޖެހޭ ކުއްޖެކެވެ. ޢުމުރުން 12 އަހަރުއްސުރެ، ނުވަތަ އެއަށްވުރެވެސް ކުރިއްސުރެ، އަމިއްލަ ނަފްސު ރައްކާތެރިކުރުމުގެ ބާރުވެރިކަމެއްނެތި، އަމިއްލަ ހަށިގަނޑު އަދި މިހާރު މުޅި ދިރިއުޅުންވެސް ރަޙުމްކުޑަ ބައެއްގެ ދަށުވެ ޝިކާރަކުރެވިފައިވާ ކުއްޖެކެވެ. ޢުމުރުން އެންމެ 15 އަހަރުގައި މަންމައަކަށްވެ، ކިޔެވުމުން މަޙުރޫމްވެ، މިހާރުއޭނާގެ މައްޗަށް ޖިނާޢީ ދަޢުވާއެއް އުފުލި ކުށްވެރިއެއްގެ ގޮތުގައި ޙުކުމްކުރެވިފައިވާ ކުއްޖެކެވެ.

އަޅުގަނޑުމެން ކޮންމެ މީހެއްގެ ލޯބިވާ ދަރިންނެކޭ އެއްފަދައިން، އޭނާއަކީވެސް ޤާނޫނުއަސާސީގެ 35 ވަނަ މާއްދާގައި ބަޔާންވެގެންވާ ޚާއްޞައެހީތެރިކަމާއި ޚާއްޞަ ރައްކާތެރިކަން ލިބެންޖެހޭ، އަދި ޤާނޫނުއަސާސީގެ 36 ވަނަ މާއްދާގައި ބަޔާންވެގެންވާ ތަޢުލީމްގެ ޙައްޤު ކަށަވަރުވާންޖެހޭ ދިވެހި ދަރިއެކެވެ. ކުޑަކުދިންގެ ޙައްޤުތަކާބެހޭ ޤާނޫނުގައި ބަޔާންވެގެންވާ ރައްކާތެރިކަން ލިބިގެންވާ ކުއްޖެކެވެ. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އެކުލަވާލެވިފައިވާ ޤާނޫނީ އޮނިގަނޑާއި، އިދާރީ އޮނިގަނޑު އަދި، އިޖުތިމާޢީ އޮނިގަނޑުގެތެރެއިން އޭނާއަށް ލިބިގެންވާ ރައްކާތެރިކަންވަނީ ނުލިބިފައެވެ. އޭނާގެ ކުށެއްނެތި ފެށުނު ޖަރީމާތަކެއްގެ ތެރެއިންގޮސް، އޭނާއަކީ ކުށްވެރިއެއްގެ ގޮތުގައި ޙުކުމްކުރެވި، މިއަދު އޭނާވަނީ ތަޢުލީމުން މަޙުރޫމްވެފައެވެ. މި މައްސަލައަކީ ސަރުކާރުން ކަންބޮޑުވާ، އަދި ސަރުކާރުން އިސްވެ ޙައްލުތަކެއް ހޯދަންޖެހޭ ފަދަ މައްސަލައެއްކަމުގައި ސަރުކާރުން ޤަބޫލުކުރެއެވެ.

މިދެންނެވި ކުއްޖާ މިހާރު ހުރީ ދައުލަތުގެ ބެލެހެއްޓުމުގެ ދަށުގައި ކަމުގައިވުމުން، އޭނާގެ މައްސަލައިގައި ދޭންޖެހޭ ހުރިހާ ޤާނޫނީ އެހީތެރިކަމެއްވަނީ ދައުލަތުން ހަމަޖައްސައިދީފައެވެ. އަދި މިކަން ދައުލަތުގެ ޚަރަދުގައި އިސްތިއުނާފުގެ ހުރިހާ މަރުޙަލާއެއް ނިމެންދެން ކުރިޔަށް ގެންދެވޭނެއެވެ. އަދި އޭނާގެ މައްސަލަ ހިނގާނުހިނގާ ގޮތް ބަންޑާރަނައިބުގެ އޮފީހުން ދެންވެސް ބަލަހައްޓަވަމުން ގެންދަވާނެއެވެ. އަދި މިމައްސަލައިގެ ޙުކުމްގައި އިސްތިއުނާފުކުރަންޖެހޭ މައްސަލަތަކެއް ހުރިކަމަށް ފެންނާތީ، އޭނާގެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދެވުމަށް އޭނާގެ ޤާނޫނީ ވަކީލަށް ދައުލަތުގެ ބަންޑާރަނައިބުގެ އޮފީހުން މިހާރުވަނީ ދަންނަވާފައެވެ. އިސްތިއުނާފުގެ ޙައްޤަކީ ކިތަންމެ ބޮޑު ކުށްވެރިއަކަށްވިޔަސް ޤާނޫނުއަސާސީން ރައްކާތެރިކޮށްދީފައިވާ ޙައްޤަކަށްވުމާއެކު، އެކަންކަން ދައުލަތުން އޭނާއަށްވެސް ހަމަޖައްސައިދެވޭނެއެވެ.

އަދި އޭނާއެކޭ އެއްފަދަ ޙާލަތުގައި ތިބި އަދި ތިބެދާނޭ އެހެން ކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމަށްޓަކައި، އަދި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި މިމައްސަލަ ދިރާސާކޮށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމަށްޓަކައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިޔުމަން ރައިޓްސްއާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި، މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި، އެޓަރނީ ޖެނެރަލްގެ އޮފީހާއި، ފެމިލީ ޕްރޮޓެކްޝަން ޔުނިޓް ހިމެނޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮމިޓީއެއް އެކުލަވާލައްވާފައެވެ. އެބޭފުޅުންނާ ޙަވާލުކުރެވޭނޭ މަސައްކަތަކީ، ކަމާބެހޭ ޤާނޫނީ އޮނިގަނޑާއި، އަދި އިދާރީ އޮނިގަނޑުތައް މުރާޖަޢާކޮށް، ގެންނަންޖެހޭ އިޞްލާޙުތައް ފާހަގަކުރުމެވެ.