ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، އަރިއަތޮޅު ދެކުނުބުރީ މާމިގިލީގައި އިމާރާތް ކުރެވިފައިވާ ވިލާ އިންޓަރނޭޝަނަލް އެއަރޕޯޓް، މިއަދު ހަވީރު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

ވިލާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ވައިގެ ބަނދަރަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފައިބާވަޑައިގަތުމާއެކު، ދެކަނބަލުންގެ އިސްތިޤްބާލުގައި އެމް.އެން.ޑީ.އެފް ބްރާސްބޭންޑުން ސެލިއުޓް ކޯލެއް ކުޅެވުނެވެ. އަދި އެއަށްފަހު، އެ ދެކަނބަލުންގެ އިސްތިޤްބާލުގައި ވައިގެ ބަނދަރުގައި ތިއްބެވި ބޭފުޅުންނާ އެ ދެކަނބަލުން ސަލާން ކުރެއްވިއެވެ.

ވިލާ އިންޓަރނޭޝަނަލް އެއަރޕޯޓް ހުޅުވިގެންދިޔައީ، އެއަރޕޯޓްގެ ނަންބޯޑުގެ ފަރުދާ ރައީސުލްޖުމްހޫރިއްޔާ ކައްސަވާލަދެއްވުމުންނެވެ.

ވިލާ އިންޓަރނޭޝަނަލް އެއަރޕޯޓް ހުޅުއްވައިދެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެއަރޕޯޓް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވުމަކީ، އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ވަރަށްބޮޑު އުފާފުޅެއް ކަމަށް ވިދާޅުވެ، ވިލާ ގްރޫޕްގެ ޗެއަރމަން އަލްފާޟިލް ޤާސިމް އިބްރާހީމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ޤާސިމް އިބްރާހީމްގެ އުފަން ރަށުގައި ވައިގެ ބަނދަރެއް ހައްދަވައިދެއްވުމަކީ، އެ ސަރަޙައްދުގެ ރައްޔިތުންނަށް، ވަކިން ޚާއްޞަކޮށް، މާމިގިލީގެ ރައްޔިތުންނަށް ވަރަށްބޮޑު އުފަލެއް ލިބިގެންދިޔަ ކަމެއް ކަމުގައި ވިދާޅުވިއެވެ.

ވިލާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށާއި، ވައިގެ ދަތުރުފަތުރުގެ ޚިދްމަތަށް ވަރަށްބޮޑު ކުރިއެރުމެއް ލިބިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މި އެއަރޕޯޓް، ބައިނަލްއަޤްވާމީ ވައިގެ ބަނދަރަކަށް ހެއްދެވުމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމް މިހާރަށްވުރެ ހަރުދަނާ ކުރެއްވުމާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތު އިތުރަށް ކުރިއެރުވުމަށް މަގުފަހިކުރެއްވުން ހިމެނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ފަތުރުވެރިކަން މުޅި ރާއްޖެއަށް ފުޅާކުރެވެމުންދާއިރު، ރާއްޖޭގެ އެކިކަންކޮޅުތަކަށް ފަތުރުވެރިންނަށް ފަސޭހައިން ދެވޭނެ މަގު ފަހިކޮށްދެއްވުމަކީވެސް ފަތުރުވެރިކަމުގެ ޞިނާޢަތަށް ދެވޭނެ ވަރަށްބޮޑު ކުރިއެރުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމައެހެންމެ، އެއީ ފަތުރުވެރިން ޒިޔާރަތްކުރާ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށާއި، އެ ސަރަޙައްދުތަކުގެ ތަރައްޤީއަށްވެސް އެކަމުން މަންފާތަކެއް ލިބިގެންދާނެ ކަމެއްކަން އެމަނިކުފާނު ބަޔާން ކުރެއްވިއެވެ. އަދި މި އެއަރޕޯޓްގެ ސަބަބުން މާމިގިއްޔާއި، އެ ސަރަޙައްދުގެ ރަށްރަށުގެ ރައްޔިތުންނަށް ވަޒީފާގެ ފުރްޞަތުތައް އިތުރުވެގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތު، ދުވަހަކަށްވުރެ ދުވަހެއް ކުރިއަށް ދިޔުމުގެ ނަތީޖާއަކީ، ގިނަ ޢަދަދެއްގެ ޕްރައިވެޓް ޖެޓްތައް ރާއްޖެ އަންނަމުން ދިޔުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މާލެއާ ކައިރި ރިޒޯޓްތަކަށް އަންނަ ފަތުރުވެރިންގެ ޖެޓްތައް ޕާކް ކުރުމަށް މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޕާކްކުރާތަން މިހާރު ކުޑަވެފައި ވުމާއެކު، މާމިގިލީގައި މި ހެދުނު ވިލާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ، މުސްތަޤްބަލްގައި ޕްރައިވެޓް ޖެޓްތަކަށްވެސް ޖެއްސޭ އަދި ޕާކްކުރެވޭ ތަނަކަށް ވެގެންދާނޭ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.