ލާއޯސް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ތޮންގޯހަންހް ސިޔަކެފޮން، އެމަނިކުފާނުގެ ސަފީރު ކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދަށް މިއަދު އަރުއްވައިފިއެވެ.

މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ލާއޯސްގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި ރާއްޖެއާއި ލާއޯސްއާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

ވަކިން ޚާއްޞަކޮށް ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި، ޢިމާރާތްކުރުމުގެ ދާއިރާގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވެން ހުރި ފުރުޞަތުތަކުގެ މައްޗަށް ދެބޭފުޅުން ބައްލަވާލެއްވެވިއެވެ.