މާލޭގައި ހުރި އަތޮޅުފިހާރަތަކުން ލިބޭ ކުލީގެ 50 އިންސައްތަ، މިއަހަރުގެ ޖުލައި މަހުން ފެށިގެން އަތޮޅު ކައުންސިލްތަކަށް ދޫކުރައްވާ ގޮތަށް ހަމަޖެއްސެވުމަށާއި، އެ އަތޮޅެއްގައި ހުރި ފަޅުރަށްރަށުގެ ތެރެއިން ވަރުވާއަށް ދޫކުރެވިފައިވާ ރަށްރަށުން ނެގޭ ކުލީގެ 50 އިންސައްތަ، އަތޮޅު ކައުންސިލްތަކަށް ދޫކުރައްވާ ގޮތަށް ހަމަޖައްސަވައިފި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ލޯކަލް ކައުންސިލްތައް ހިންގަން ފެށުމާ ގުޅިގެން، ދައުލަތުގެ ހިންގުމަށް އައި ބަދަލު، ޤައުމީ ފެންވަރެއްގައި ފާހަގަކުރެއްވުމަށް މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ލޯކަލް ގަވަރންމަންޓް އޮތޯރިޓީން އިންތިޒާމު ކުރައްވައިގެން، މިއަދު ހެނދުނު އިސްލާމީ މަރްކަޒުގައި ބޭއްވެވި ރަސްމިއްޔާތުގައި، މިކަންކަމުގެ ސަބަބުން އެރަށްރަށުގެ ރައްޔިތުންގެ ކުރިއެރުމަށާއި، ރަށުގެ ތަރައްޤީއަށްވެސް އިތުރު ދިރުން ލިބިގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތާނގައި، ކައުންސިލްތަކަށް ސަރުކާރުން އިތުރަށް ދެއްވެންހުރި ޢިނާޔަތްތަކާއި، ހަމަޖައްސަވައި ދެއްވެންހުރި ކަންތައްތައް ހަމަޖައްސަވައި ދެއްވާނެ ކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. މީގެއިތުރުން، ރައްޔިތުންގެ އެކައުންޓްތަކުގައި ހުރި ފައިސާ، ރައްޔިތުންނަށް ހޯއްދަވައިދެއްވުމުގެ އުޞޫލުތަކެއް ކަނޑައަޅުއްވައި، އަންނަ އަހަރުގެ ބަޖެޓްގައި، އެފައިސާ ހިމަނުއްވަން މަސައްކަތްޕުޅު ކުރައްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ލާމަރްކަޒީ ނިޒާމަކީ އަލަށް ތަޢާރުފްވެގެން އައި ނިޒާމަކަށްވުމާއެކު، މި ނިޒާމް އެކަށީގެންވާ ގޮތެއްގައި ހިންގުމުގައި އެތައް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ، ކުރިމަތިވެފައިވާ އެކިއެކި ގޮންޖެހުންތައް ޙައްލުކުރައްވައި، ޤާނޫނުގައި ބަޔާންވެގެންވާ ގޮތުގެ މަތިން، ރައްޔިތުން ބާރުވެރިކުރުވައި، ސަރުކާރުންނާއި ދައުލަތުން ދޭންޖެހޭ ޚިދްމަތްތައް، ރައްޔިތުންނަށް ވީހާވެސް ގާތުން ދެވޭނެ މަގު ފަހިކޮށްދެއްވުމަށްކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ސަރުކާރުން މިވަގުތު އެންމެބޮޑު އިސްކަމެއް ދެއްވާ އެއްކަމަކީ، ސަރުކާރުގެ މިނިސްޓްރީތަކާއި ކައުންސިލްތަކާ ދެމެދު އިދާރީގޮތުން އޮންނަންޖެހޭ ގުޅުން ވަރުގަދަ ކުރެއްވުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ގުޅުން ވަރުގަދަވެގެން މެނުވީ، އަޅުގަނޑުމެން ޙާޞިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކާ ހަމައަކަށް ވާސިލެއް ނުވެވޭނެ ކަމަށް ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ލޯކަލް ގަވަރންމަންޓް އޮތޯރިޓީއަށް ފުރިހަމަ އެއްބާރުލުން ދެއްވައިގެން މަސައްކަތް ކޮށްދެއްވުމަށް، ސަރުކާރުގެ ހުރިހާ އިދާރާތަކަށާއި މުއައްސަސާތަކަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވިއެވެ. އަދި މި ގުޅުން ވަރުގަދަކޮށް، ކައުންސިލްތަކަށް ކުރިމަތިވާ އެކިއެކި މައްސަލަތައް ޙައްލުކުރެވޭނީ، ސަރުކާރުގެ އިދާރާތަކާ ފަސޭހައިން މުޢާމަލާތު ކުރެވޭނެ ގޮތްތަކެއް ނުވަތަ އިންތިޒާމުތަކެއްވެސް ހަމަޖައްސައިގެން ކަމަށާއި، މިފަދަ އިންތިޒާމުތަކެއްގެ ތެރެއިން މެނުވީ، ކައުންސިލްތަކުން ޙާޞިލްކުރަން ބޭނުންވާ މަޤްޞަދުތައް ޙާޞިލް ނުކުރެވޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކައުންސިލްތަކުން ރައްޔިތުންނަށް ދެއްވަންޖެހޭ ޚިދްމަތްތައް ދެއްވުމުގައި، ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތެއް ނުގެންގުޅުއްވުމަކީވެސް ލާޒިމު ކަމެއް ކަމަށާއި، ލާމަރްކަޒީ ނިޒާމް ރަނގަޅަށް ހިންގުމަށްޓަކައި ސަމާލުކަންދޭންޖެހޭ ވަރަށްބޮޑު ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި ސިޔާސީ ފިކުރު އިސްކޮށްގެން، މަސައްކަތް ނުކުރެވޭނެ ކަމަށާއި، ކައުންސިލްތަކުން ކޮށްދޭންޖެހޭ ކަންކަން ފުރިހަމަގޮތުގައި ކޮށްދެވޭނީ، އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި، އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމާ ބެހޭގޮތުން ތައްޔާރުކޮށްފައިވާ އަހަރީ ފޮތާއި، ކައުންސިލްތަކުގެ ރަށްވެހި ޚިދްމަތްދޭ މިންގަނޑު އަދި ކައުންސިލްތަކުގެ ޚިދްމަތް ލިބިގަތުމުގެ އުޞޫލު، ރައީސުލްޖުމްހޫރިއްޔާ ނެރުއްވައިދެއްވިއެވެ.