މަސީއަށް ޢިމާރާތެއް އަޅާނެ ބިމެއް ސަރުކާރުން ހަވާލުކުރެއްވީ، އެ ޢިމާރާތުގެ ސަބަބުން އިންޑަސްޓްރީއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެތީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މޯލްޑިވްސް ކޮންސްޓްރަކްޝަން ހައުސްއާއި، ކޮންސްޓްރަކްޝަން ވޮކޭޝަނަލް ޓްރެއިނިންގ ފެސިލިޓީ ބިނާ ކުރުމަށް، ސަރުކާރުން މަސީއާ ހަވާލުކުރައްވާ ބިން ހަވާލުކުރެއްވުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވުމާއި، ރާއްޖޭގެ ވަޒީފާދޭ ފަރާތްތައް ތަމްސީލުކުރާ ޖަމްޢިއްޔާތަކުގެ ފެޑެރޭޝަން އުފެއްދުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ޓްރޭޑަރސް ހޮޓެލްގައި ރޭ އޮތް މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޢިމާރާތްކުރަން ފަށާފައިވާ ޢިމާރާތްތަކުގެ ތެރެއިން ނުނިމިހުރި ތަންތަން ނިންމުމަށްޓަކައި ސަރުކާރުން ގެރެންޓީދީގެން މޯލްޑިވްސް ހައުސިން ފައިނޭންސް ކޯޕަރޭޝަންގެ ތެރެއިން ގާތްގަނޑަކަށް 150 މިލިއަން ރުފިޔާގެ އެހީ ވަރަށް ގިނަ ޢާއިލާތަކަށް ލިބޭގޮތަށް މިހާރު ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި މި ޕްރޮގްރާމް ފެށުމުން ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ވަރަށް ބޮޑު ދިރުމެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، އޭގެ ސަބަބުން މުޅި އިޤްތިޞާދަށްވެސް ދިރުން ލިބިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަތޮޅުތެރޭގައި ހުރި ބިން މޯގޭޖް ކުރުމުގައި ވަރަށް ގިނަ ދަތިތަކެއް ހުރިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، އަތޮޅުތެރޭގައި ހުރި ބިމާއި ޢިމާރާތްތައް މިވަގުތު މޯގޭޖް ކޮށްދެއްވަނީ ހަމައެކަނި ބޭންކް އޮފް މޯލްޑިވްސުން ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، އެހެން ބޭންކުތަކުންވެސް މޯގޭޖްކޮށްގެން ލޯނު ދިނުމުގެ ޕްރޮގްރާމެއް ފެށޭތޯ މަސައްކަތްޕުޅު ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިކަމާ ގުޅޭގޮތުން ހަދަންޖެހޭ ޤާނޫނުތައް ހެދުމުގައިވެސް ސަރުކާރުން އިތުރު މަސައްކަތްތަކެއް ކުރައްވާނެކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި އުޅުއްވާ ފަރާތްތަކަށް، ވޭތުވެދިޔަ ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި މާބޮޑު އެހީތެރިކަމެއް ލިބިފައިނުވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ރާއްޖޭގައި ހިންގާ ޢިމާރާތް ކުރުމުގެ ބޮޑެތި މަޝްރޫއުތައް ހިންގަނީ ބޭރު މީހުން ކަމަށާއި، އެހެންވުމުން އިންޑަސްޓްރީގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ލިބޭ މަސައްކަތްތައް މަދުވެފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުން މަސީއާ ހަވާލުކުރައްވާ ބިން ހަވާލުކުރެއްވުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙަންމަދު މުޢިއްޒެވެ. މަސީގެ ފަރާތުން ސޮއި ކުރެއްވީ މަސީގެ ރައީސް އަލްފާޟިލް މުޙަންމަދު ޢަލީ ޖަނާޙެވެ.

ރާއްޖޭގެ ވަޒީފާދޭ ފަރާތްތައް ތަމްސީލުކުރާ ޖަމްޢިއްޔާތައް ގުޅިގެން އުފައްދާ ފެޑެރާޝަން އުފެއްދުމުގެ އެއްބަސްވުމުގައި ސޮއިކުރީ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އާއި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމްއިންޑަސްޓްރީ (މަޓީ) އާއި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސްއާއި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސްއާއި، ރެސްޓޯރަންޓް އެސޯސިއޭޝަނާއި، ލިވް އަބޯރޑް އެސޯސިއޭޝަން އޮފް މޯލްޑިވްސްއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙަންމަދު މުޢިއްޒާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްފާޟިލް އަޙްމަދު މުޙަންމަދާއި، މަސީގެ ރައީސް އަލްފާޟިލް މުޙަންމަދު ޢަލީ ޖަނާޙާއި، ވަޒީފާދޭ ފަރާތްތަކުގެ ޖަމްޢިއްޔާތަކުގެ ފަރާތުން މަޓާޓޯގެ އަލްފާޟިލް ޢަބްދުﷲ ސުޢޫދާއި، ޝުކުރު ދެންނެވުމުގެ ގޮތުން މަސީގެ ބޯޑު މެންބަރު، ކުރީގެ ރައީސް އަދި މަސީގެ ފައުންޑަރ މެންބަރު އަލްފާޟިލް ޢަބްދުﷲ މުޙަންމަދު ވާހަކަފުޅު ދެއްކެވިއެވެ.