ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް، އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިޝެލް ޖޭ. ސިސޯން މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ މިހާރުގެ ސިޔާސީ ޙާލަތާއި އިޤްތިޞާދީ ޙާލަތާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރައްވަމުން ގެންދަވަނީ ޤައުމުގެ ހަމަޖެހުމަށް އިސްކަން ދެއްވައިގެން ކަމުގައި ވިދާޅުވިއެވެ. އަދި އެއްވެސް މިނިވަން މުއައްސަސާއެއްގެ މައްޗަށް ސަރުކާރުގެ ނުފޫޒެއް ނުހިންގަވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދު މިހާރު ރަނގަޅުވަމުން އަންނަކަން ފާހަގަކުރައްވައި، ބޭރުގެ އިންވެސްޓްމަންޓްތައްވެސް އިތުރުވަމުންދާ ކަމުގައި ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ތިމާވެށީގެ އެކިއެކި މައްސަލަތަކުގެ މައްޗަށްވެސް ވާހަކަފުޅުދެއްކެވިއެވެ. އަދި މުޅި ރާއްޖެ، ބަޔޮސްފިޔަރ ރިޒަރވަކަށް ހެއްދެވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މަޢުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާ، އެމެރިކާ ސަފީރަށް ދެއްވިއެވެ.