މަސްތުވާތަކެތީގެ މައްސަލައަކީ ވަރަށްބޮޑު އިޖްތިމާޢީ މައްސަލައަކަށްވާތީ، އެ މައްސަލަ ޙައްލުކޮށްދެއްވުމަށް، ސްކައުޓް މޫވްމަންޓްގެ ފަރާތުން އިސްނަންގަވައިގެން މަސައްކަތްތަކެއް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ޗީފް ސްކައުޓް ޑޮކްޓަރ މުޙަންމަދު ވަޙީދު އެދިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގަތީ، ފުރަތަމަފަހަރަށް ރާއްޖޭގައި ސްކައުޓް ޔޫތު ކައުންސިލެއް އިންތިޚާބުވުމާ ގުޅިގެން، އެ ކައުންސިލްގެ މެންބަރުންނަށް ވޮރަންޓް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މަސްތުވާތަކެތި ބޭނުންކުރާ މިންވަރު ދެނެގަތުމަށް، ދާދިފަހުން ކުރެވުނު ޤައުމީ ދިރާސާއަށް ރައީސުލްޖުމްހޫރިއްޔާ އިޝާރާތް ކުރައްވަމުން، ރާއްޖޭގައި އެންމެގިނަ ޢަދަދަކަށް މަސްތުވާތަކެތި ބޭނުންކުރަމުން ގެންދަނީ ޒުވާނުންކަން، އެ ދިރާސާއިން އެނގިގެން ހިނގައްޖެ ކަމުގައި ވިދާޅުވިއެވެ. އަދި އެފަދަ ޒުވާނުންނަށް ސްކައުޓުން އެހީތެރިކަން ފޯރުވައިދިނުމަކީ، ވަރަށް މުހިންމު ކަމެއް ކަމުގައި ވިދާޅުވެ، ސްކައުޓުންނަކީ ވަކި ޢަހުދެއްގެ މަތީގައި ސާބިތުވެ ތިބި ބަޔަކަށްވުމާއެކު، މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން، ސްކައުޓް ޔޫތު ކައުންސިލްގެ ފަރާތުން މިކަން ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިވޭތުވެދިޔަ ދިގު މުއްދަތުގައި ރާއްޖޭގެ ސްކައުޓް މޫވްމަންޓް ވަނީ ވަރަށް މުހިންމު ދައުރެއް އަދާކޮށްފައި ކަމަށާއި، ސްކައުޓް މޫވްމަންޓްގެ ސަބަބުން ޒުވާނުންނަށް ވަރަށް ރަނގަޅު ފައިދާތަކެއް ކޮށްފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި ޒުވާނުންގެ ސްކައުޓިންގ ކަންތައްތައް ރަނގަޅު ކުރުމަކީ، ޤައުމަށް މިހާރު ކޮންމެހެން ބޭނުންވެފައި އޮތް ކަމެއްކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ސްކައުޓް މޫވްމަންޓަށް ދޭންޖެހޭ އަހަންމިއްޔަތުކަން މިހާރަށްވުރެވެސް އިތުރުކުރަން އެބަޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެ، އެކަމުގެ މައްޗަށްވެސް ބައްލަވައިލެއްވިއެވެ. އަދި ސްކައުޓިންގ އާއި ގާރލް ސްކައުޓްގެ ޙަރަކާތްތައް، ކިޔަވާ ކުދިންނާއި ޒުވާނުންނަށް ޚާއްޞަކޮށްގެން ހިންގުމުގެ މުހިންމުކަން ފާހަގަކުރައްވައި، މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އަލުން ބަޖެޓް ދިރާސާ ކުރައްވައިގެން، މިބާވަތުގެ ޙަރަކާތްތައް ހިންގަވައި، އެކި ޕްރޮގްރާމްތަކަށް ބޭނުންވާ ބަޖެޓްގެ އެހީ ލިބޭނެގޮތަކަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުންނާއި، މިނިސްޓްރީ އޮފް ފިނޭންސުން މަސައްކަތް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

މިއަދުގެ ޙަފްލާގައި، ނޭޝަނަލް ސްކައުޓް ޔޫތު ކައުންސިލްގެ މެންބަރުންނަށް ވޮރަންޓް ޙަވާލުކޮށްދެއްވީ، ޗީފް ސްކައުޓް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދެވެ.