މަސްތުވާތަކެތި ބޭނުންކުރާ މިންވަރު ދެނެގަތުމުގެ ދިރާސާ ރިޕޯޓާ ގުޅިގެން، ރާއްޖޭގެ ތަޢުލީމީ ސިޔާސަތާއި، ޒުވާނުންނާބެހޭ ސިޔާސަތާ ބެހޭގޮތުން އާ ވިސްނުމަކުން ވިސްނަން އެބަޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މަސްތުވާތަކެތި ބޭނުންކުރާ މިންވަރު ދެނެގަތުމަށް ޤައުމީ ފެންވަރުގައި ކުރި ދިރާސާ ރިޕޯޓް ނެރުއްވައި ދެއްވުމުގެ ރަސްމިއްޔާތުގައި، ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ޓްރޭޑަރސް ހޮޓެލްގައި އޮތް މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ސަރވޭ ކުރެވުނު ކުދިންނާއި މީހުންގެ ތެރެއިން 15 އަހަރާއި 64 އަހަރާ ދެމެދުގެ ގާތްގަނޑަކަށް 7500 ކުދިންނާއި މީހުން މަސްތުވާތަކެތި ބޭނުންކުރާކަން، މި ރިޕޯޓުން އެނގިގެން ހިނގައްޖެކަން ހިތާމައާއެކު ފާހަގަކުރެއްވިއެވެ. ޅަޢުމުރުފުރާގައި މަދްރަސީ ދައުރުގައިވެސް ވަރަށްގިނަ ކުދިން މަސްތުވާތަކެތި ބޭނުންކުރާ ކަމަށާއި، މަސްތުވާތަކެތި ބޭނުންކުރާ ފިރިހެނުންނަށްވުރެ އަންހެނުން މަދު ކަމަށްވެސް މި ދިރާސާއިން އެނގިގެން ހިނގައްޖެ ކަމުގައި ވިދާޅުވިއެވެ. އަދި މި ދިރާސާއިން ނުދައްކާ މަޢުލޫމާތުތަކެއްވެސް އެބަހުރި ކަމަށާއި، އެ މަޢުލޫމާތުތައް ހޯދަން އެބަޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މަސްތުވާތަކެތި ބޭނުންކުރާ ކުދިންނާއި މީހުންނަށް ދޭންޖެހޭ ފަރުވާދިނުމުގައި، މަސައްކަތް ކުރަންވީވަރަށް ނުކުރެވޭކަންވެސް މި ރިޕޯޓުން ހާމަވެގެން ހިނގައްޖެ ކަމަށްވެސް ވިދާޅުވިއެވެ. އަދި މި ރިޕޯޓްގައި ހުރި މަޢުލޫމާތުތައް ރަނގަޅަށް ދިރާސާކޮށް، މަސްތުވާތަކެތި ކޮންޓްރޯލް ކުރުމަށްޓަކައި ގެންގުޅޭ ސިޔާސަތުތައް، ކަމާބެހޭ ފަރާތްތަކުން އަލުން މުޠާލިޢާ ކުރައްވައި، ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވިއެވެ. އަދި މަސްތުވާތަކެތި ކޮންޓްރޯލް ކުރުމަށް ޤައުމީ ފެންވަރުގައި ޢަމަލީ މަޝްރޫޢެއް އެކުލަވާލުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. ހަމައެއާއެކު، މި ރިޕޯޓްގެ ބޭނުން ހުރިހާ ފަރާތްތަކަކުންވެސް ހިއްޕަވައި، މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތް ކުރުމަށް، ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުންނާއި، ހުރިހާ ފަރާތްތަކުން މަސައްކަތް ކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.