ނައިޖީރިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޑައުޑާ ޑަންލާޑީ، އެމަނިކުފާނުގެ ސަފީރު ކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދަށް މިއަދު އަރުއްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ނައިޖީރިއާގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި ރާއްޖެއާއި ނައިޖީރިއާއާ ދެމެދު އޮތް ގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި ހުރި ފުރުޞަތުތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެވޭނެ އިތުރު ދާއިރާތަކާ ބެހޭގޮތުން، ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާއާއި، ވިޔަފާރިއާއި، ޢިމާރާތް ކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރެވޭނެ ގޮތްތަކުގެ މައްޗަށް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.