"12 ވަނަ އިސްލާމިކް ސަމިޓް ކޮންފަރެންސް" މިސުރުގެ ޤާހިރާގައި އިއްޔެ ފެށިއްޖެއެވެ. މި ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ބައިވެރިވެވަޑައިގަންނަވައެވެ.

މި ކޮންފަރެންސް ފަށްޓަވައިދެއްވީ ނިމި ދިޔަ ދައުރުގައި އޯ.އައި.ސީ. ގެ ރިޔާސަތު ބެލެހެއްޓެވި ސެނެގޯލްގެ ރައީސް މެކީ ސޯލެވެ. ކޮންފަރެންސް ފަށްޓަވައިދެއްވަމުން ރައީސް މެކީ ސޯލް ދެއްކެވި ވާހަކަފުޅުގައި، މިފަހަރުގެ ކޮންފަރެންސްގެ ޝިޢާރު ކަމުގައިވާ، "އިސްލާމީ ދުނިޔެ: އާ ގޮންޖެހުންތަކާއި، ފުޅާވަމުންދާ ފުރުޞަތުތައް" މި ޝިޢާރުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

ސެނެގޯލްގެ ރައީސްގެ ވާހަކަފުޅަށްފަހު، ކޮންފަރެންސްގެ ރިޔާސަތާ ހަވާލުވެވަޑައިގެންނެވީ މިސުރުގެ ރައީސް މުޙަންމަދު މުރުސީއެވެ. މިގޮތުން، ކުރިއަށް އޮތް ތިން އަހަރަށް އޯ.އައި.ސީ.ގެ ރިޔާސަތު ބަލަހައްޓަވާނީ މިސުރުގެ ރައީސެވެ.
މިފަހަރުގެ ކޮންފަރެންސްގައި މައިގަނޑު 6 ކަމެއްގެ މައްޗަށް މެންބަރު ޤައުމުތަކުން ވާހަކަދައްކައި މަޝްވަރާ ކުރާނެއެވެ. އެގޮތުން މަޝްވަރާ ކުރައްވާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި، ފަލަސްޠީނުގައި ވަޒަންވެރިވެގެންއުޅޭ ޔަހޫދީންގެ މައްސަލައާއި، އިސްލާމީ ދުނިޔޭގައި ހިނގަމުންދާ މައްސަލަތަކާއި، މެންބަރު ޤައުމުތަކުގެ މެދުގައި އިޤްތިޞާދީ ގުޅުން ބަދަހި ކުރުމާއި، ޘަޤާފީ އަދި ސައިންސާއި ޓެކްނޮލޮޖީގެ ރޮނގުން އިސްލާމީ ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުން ހިމެނެއެވެ.

މި ފަހަރުގެ ކޮންފަރެންސްގައި 56 ޤައުމަކުން ބައިވެރިވެއެވެ.