ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، މިލަދުންމަޑުލު އުތުރުބުރީ ގޮއިދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ މިއަދު މެންދުރުފަހު ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، މިދިޔަ އަހަރުގެ ޘާނަވީ އިމްތިޙާނުގައި އެރަށު ސްކޫލްގެ ދަރިވަރުން ހޯދާފައިވާ ނަތީޖާއަކީ، އެންމެ ހިތްހަމަޖެހޭ ނަތީޖާއެއްނޫންކަން ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތާނގައި އެއަށްވުރެ ރަނގަޅު ނަތީޖާއަކަށް މަސައްކަތް ކޮށްދެއްވުމަށް ޓީޗަރުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތެވެ. ގޮއިދޫއަކީ، ރަށުގެ ތަރައްޤީއަށްޓަކައި ހުރިހާ ރައްޔިތުން ގުޅިގެން ބުރަ މަސައްކަތްތަކެއް ކުރަމުންދާ ރަށެއް ކަމަށްވާއިރު، ޘާނަވީ އިމްތިޙާނުން އެއަށްވުރެ ރަނގަޅު ނަތީޖާއެއް ހޯދެންޖެހޭނެ ކަމަށާއި، ރަށުގެ ތަޢްލީމީ ކަންކަން ރަނގަޅު ކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދަރިންގެ ކިޔެވުމުގެ ކަންކަން ގާތުން ބައްލަވައި، ސްކޫލްގެ އިތުރަށް ގޭގައިވެސް މަސައްކަތްކޮށްދެއްވުމަށް އެކުދިންގެ ބެލެނިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވިއެވެ.

ގޮއިދޫގެ ތަރައްޤީއަށްޓަކައި އެރަށުގެ ރައްޔިތުން އެދިވަޑައިގަންނަވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު އެއްބަޔަކު އަނެއް ބަޔަކަށް އެއްބާރުލުންދީގެން މަސައްކަތްކޮށްފިނަމަ، އިރާދަކުރެއްވިއްޔާ އެބޭފުޅުން އެދިވަޑައިގަންނަވާ ކަންކަން ޙާޞިލްކުރެވޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރަށުގެ ތަރައްޤީއަށްޓަކައި ކުރެވޭ މަސައްކަތްތަކުގައި ރަށު ކައުންސިލްގެ ފަރާތުން އިސްނަންގަވައިގެން ރޭވުންތެރިކަމާއެކު އެފަދަ މަސައްކަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތެވެ.