ރާއްޖޭގައި ޢަދުލުވެރި ވެރިކަމެއް ޤާއިމުކުރައްވައި ދެމެހެއްޓެވުމަށް ކުރައްވަންޖެހޭ ހުރިހާ ކަމަކަށް ސަމާލުވެވަޑައިގެން، އެގޮތުގައި ކުރިއަށް ވަޑައިގަތުމަށް، ވެރިކަމުގެ ހިއްސާ އުފުއްލަވާ އަދި ވެރިކަމުގެ ތެރޭގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު އިލްތިމާސް ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސް ކުރެއްވީ، އެމަނިކުފާނު މިލަދުންމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހެނދުނު ފޭދުއަށް ވަޑައިގެން ފޭދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ރާއްޖޭގައި ޤާއިމު ކުރެވިފައިވާ ޑިމޮކްރެސީގެ މަޤްޞަދަކީ، ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދިނުމާއި ޢަދުލުވެރި ވެރިކަމެއް ޤާއިމު ކުރުމެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރައްޔިތުން ބޭނުންވާ ކަންކަން ކުރެއްވުމަށް ގަދައަޅައި މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާނެ ކަމަށާއި، ރަނގަޅު ވެރިކަމެއް ކުރެވޭނީވެސް ރައްޔިތުންގެ އަޑުއަހައިގެން، ރައްޔިތުން ބޭނުންވާ ކަންތައްތައް ކޮށްދެއްވައިގެން ކަމުގައި ވިދާޅުވިއެވެ. މި ރޮނގުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، އެމަނިކުފާނު ރަށްރަށަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅުތަކުގެ ބޭނުންފުޅަކީވެސް، ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ އަޑު އައްސަވައި، ރައްޔިތުން ބޭނުންވާ ކަންކަމަކީ ކޮބައިތޯ ބެއްލެވުން ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިރާދަކުރެއްވިއްޔާ އެއްވެސް ރަށަކަށް އަދި އެއްވެސް ސިޔާސީ ޕާޓީއަކަށް އަދިހުރިހާ އެންމެންނަށްވެސް ތަފާތު ކުރުމެއްނެތި ހަމަހަމަކަމާއެކީގައި ދައުލަތުގެ ފަރާތުން ދެއްވަންޖެހޭ ޚިދުމަތްތައް ދެއްވުމަށްޓަކައި ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. މިކަމަކީ، އަޅުގަނޑުމެންގެ ދީނާއި ދުސްތޫރު އަޅުގަނޑުމެންނަށް ލާޒިމު ކުރާ ކަމެއް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމައެހެންމެ، ރައްޔިތުންގެ މުދަލަށާއި ފައިސާއަށް އަމާނާތްތެރިވުމަކީ ވެރިންނަށް ލާޒިމު ކަމެއް ކަމަށާއި، ވީހާވެސް އިސްރާފު ކުޑަކޮށް، ރައްޔިތުންގެ ފައިދާއަށް މަސައްކަތްކުރަންޖެހޭ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިލަދުންމަޑުލު އުތުރުބުރީ ފޭދުއަށް މިކުރެއްވި ދަތުރުފުޅުގައި، އެރަށުގައި އަލަށް ޢިމާރާތްކުރާ މިސްކިތުގެ ބިންގަލާއި، ސަރުކާރުން އަލަށް ޢިމާރާތްކޮށްދެއްވާ ސްކޫލްގެ ބިންގާ މިއަދު މެންދުރުފަހު އަޅުއްވައިދެއްވިއެވެ.