މިލަދުންމަޑުލު ދެކުނުބުރީގައި އެއަރޕޯޓެއް ހެދުމުގެ މަޝްރޫޢު މާލަހެއް ނުވެ އިޢުލާނު ކުރެވޭނެ ކަމަށް ވިދާޅުވެ، އެކަމަށް އަލުން އިންވެސްޓް ކުރާ ބަޔަކު ހޯދައިގެން އެއަރޕޯޓުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ފަށައި މިއަހަރުގެ ތެރޭގައި އެއަރޕޯޓް ހެދޭނެ ކަމުގެ ޔަޤީންކަން އެ އަތޮޅުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ދެއްވައިފިއެވެ. މި ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވީ، މިލަދުންމަޑުލުގެ ބައެއް ރަށްރަށަށް އެމަނިކުފާނު މިއަދު ހެނދުނު ފެށްޓެވި ދަތުރުފުޅުގައި، މިލަދުންމަޑުލު ދެކުނުބުރީ ހެނބަދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ މިއަދު މެންދުރުފަހު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެއަތޮޅުގައި އެއަރޕޯޓެއް ހެދުމުގެ މަސައްކަތް ކޮންމެވެސް ފަރާތަކާ ހަވާލުކުރެވިފައިވީ ކަމުގައިވިޔަސް، ތަފާތު ސަބަބުތަކާހުރެ އެކަން ނުކުރެވި ލަސްވަމުން ލަސްވަމުން އައީ ކަމަށް ވިދާޅުވިއެވެ. އަދި އެކަމުގެ އުދާސްތައް ފެންނަމުންދާ ކަމަށާއި، އެކަން އެމަނިކުފާނަށްވެސް ރަނގަޅަށް އިޙްސާސް ކުރެއްވޭ ކަމަށް ވިދާޅުވިއެވެ. މި ރޮނގުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ހުރިހާ ރައްޔިތުންވެސް ކެތްތެރިވެވަޑައިގަތުމަށް އެދިވަޑައިގެން، ދައުލަތަށް ކަންކަން ކުރެއްވެން އޮތް މިންވަރަކުން އެކަންކަން ކޮށްދެއްވުމުގެ ފުރިހަމަ މަޤްޞަދާއި ނިޔަތް އެބައޮތް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދައުލަތުގެ ބަޖެޓުގެ ޚަރަދުތައް ބޮޑުވެފައިވާކަން ފާހަގަކުރައްވަމުން، ބަޖެޓުގެ ޚަރަދުތައް ބޮޑުވެފައިވި ކަމުގައިވިޔަސް، ރައްޔިތުންނަށް ދެއްވަންޖެހޭ އަސާސީ ޚިދުމަތްތައް މެދުނުކެނޑި ސަރުކާރުން ދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ.

ހެނބަދޫ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުމަށް ބޭއްވެވި މި ޖަލްސާގައި، ހެނބަދޫ ރައްޔިތުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއް އެރުވިއެވެ. މި ޖަލްސާއަށްފަހު، ރައިސުލްޖުމްހޫރިއްޔާގެ ޝަރަފުގައި ހެނބަދޫ ރައްޔިތުން ދެއްވި ޖާފަތެއް ހެނބަދޫ ސްކޫލުގައި އޮތެވެ.

ހެނބަދޫ އިރުމަތީ ފަރާތު ސަރަޙައްދުގައި ޗަމްޕާ ބްރަދަރސްގެ އެހީއާއެކު ހައްދަވައިދެއްވި ފާލަމެއް ރައީސުލްޖުމްހޫރިއްޔާ މިއަދު މެންދުރުކުރީގެ ވަގުތެއްގައިވަނީ ހުޅުއްވައިދެއްވާފައެވެ. ހެނބަދޫގައި ވަރަށް ފުރިހަމަ ފާލަމެއް ހައްދަވައިދެއްވައި، މިފަދަ ބޮޑު ޚިދުމަތެއް ކޮށްދެއްވީތީ އަދި ރަށަށް އެކި ގޮތްގޮތުން އެހީތެރިވެދެއްވަމުން ގެންދަވާތީ، ޗަމްޕާ ބްރަދަރސްއަށް ޚާއްޞަކޮށް އަލްފާޟިލް ޗަމްޕާ މުޙަންމަދު މޫސާއަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރެއްވިއެވެ.

މި ފާލަން ހުޅުއްވައިދެއްވުމަށްފަހު ބޭއްވުނު ޘަޤާފީ ކުޅިވަރުތައްވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްލަވާލެއްވިއެވެ.