މަހިންދަ ރާޖަޕަކްސަ އިންޓަރނޭޝަނަލް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި، ރާއްޖޭގެ 23 އަހަރުން ދަށުގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ޝަރަފުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާއި، އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިން ޙަފްލާއެއް ބާއްވަވައިފިއެވެ.

މުލީއާގޭގައި ރޭ ބޭއްވެވި މި ޙަފްލާގައި ޤައުމީ ޓީމާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ބައިނަލްއަޤްވާމީ މުބާރާތެއްގައި 23 އަހަރުން ދަށުގެ ޤައުމީ ޓީމް ހޯދި ކާމިޔާބީއަކީ، ހުރިހާ ދިވެހިންވެސް ވަރަށް ބޮޑަށް އެކަމަށްޓަކައި ފަޚުރުވެރިވެ، އުފާކުރި ކާމިޔާބީއެއް ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖެއަކީ ފުޓްބޯޅައަށް ވަރަށް ޚާއްޞަ ސަމާލުކަމެއްދޭ ޤައުމެއްކަން ފާހަގަކުރައްވައި، ޒުވާން ކުޅުންތެރިންނަށް މި ރޮނގުން ކުރިއަށް ދިޔުމުގެ ފުރުސަތު ހޯއްދަވައިދެއްވުމަށް އިރާދަކުރެއްވިއްޔާ ކުރެއްވެން ހުރި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަންވެސް 23 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޕްރެކްޓިސް ކުރުމުގައި މިހާރު ކުރިމަތިވަމުންދާ ދަތިތަކުގެ މައްޗަށް ބައްލަވާލައްވައި، އެކަންތައްތައް ޙައްލުކޮށްދެއްވުމަށްވެސް ސަރުކާރުން މަސައްކަތް ކޮށްދެއްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ. އަދި، ރާއްޖޭގެ ޒުވާން ކުޅުންތެރިންގެ ހުނަރު ތަރައްޤީކުރުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުންނާއި، އެކިއެކި ފުޓްބޯޅަ ކްލަބްތަކުން، ކުރައްވާ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.

ރާއްޖޭގެ ޓީމު، މަހިންދަ ރާޖަޕަކްސަ އިންޓަރނޭޝަނަލް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ، މުބާރާތުގެ ފައިނަލް މެޗްގައި، ޕާކިސްތާނުގެ 23 އަހަރުން ދަށުގެ ޓީމާ ބައްދަލުކޮށް، 2 ލަނޑު 1 ލަނޑުން މެޗް ކާމިޔާބުކޮށްގެންނެވެ.