އޭވިއޭޝަން ސެކިއުރިޓީއަށް މިއަދު އަޅުގަނޑުމެން ވަރަށްބޮޑު އަހަންމިއްޔަތެއް ދޭންޖެހިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މި ޖެނުއަރީ މަހުގެ 1 ވަނަ ދުވަހު އެމަނިކުފާނު އުފެއްދެވި އޭވިއޭޝަން ސެކިޔުރިޓީ ކޮމާންޑް އިފްތިތާޙު ކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ހެނދުނު އިސްލާމީ މަރުކަޒުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަކީ ނިސްބަތުން ކުޑަ ޤައުމެއް ކަމަށްވިޔަސް، ރާއްޖެއަށް ކުރިމަތިވެފައިވާ ސަލާމަތީ ގޮންޖެހުންތަކާ ނުރައްކާތައް މަދުނޫންކަމާއި، އެފަދަ ގޮންޖެހުންތަކާއި ނުރައްކާތައް އަބަދުވެސް އަންނަނީ ބަދަލުވަމުންކަން ފާހަގަކުރެއްވިއެވެ. އަދި ވަރަށްގިނަ އެއަރލައިންތައް ރާއްޖެއަށް މިއަދު ދަތުރުކުރަމުން އަންނަ ކަމަށާއި، މީގެކުރިން ދުވަހަކުވެސް ރާއްޖެ ނާންނަހާ ގިނަ ޢަދަދެއްގެ ޕްރައިވެޓް ޖެޓްތައްވެސް ރާއްޖެއަށް އަންނަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ އޭވިއޭޝަން ސެކިއުރިޓީގެ ދާއިރާ މިހާތަނަށް އޮތީ އެހާ ބޮޑަށް ސަމާލުކަން ނުދެވޭ ދާއިރާއެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންނަމަވެސް، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އުފެދުމުން، ރާއްޖޭގެ ވައިގެ ދަތުރު ފަތުރުގެ ސަލާމަތީ ކަންކަން، ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީން ތަރައްޤީކޮށް ބެލެހެއްޓުމަށް މަގުފަހިވެގެންދާނެ ކަމަށާއި، މިދާއިރާ ކުރިއަރުވައި ތަރައްޤީ ކުރުމަށް މަސައްކަތްކުރުމުގެ ފުރުޞަތުވެސް އިތުރުވެގެންދާނެ ކަމަށް ރައީސުޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ޤައުމީ ސަލާމަތާއި އިޤްތިޞާދީ ތަރައްޤީ، އޭގެ މައްޗަށް ބިނާވެފައިވާ އަނެއް ދާއިރާއަކީ، ރާއްޖެއަށް މީހުންނާއި މުދާ އެތެރެވާ ކަނޑުގެ ބަނދަރުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަމަށް ވިދާޅުވެ، މިއީވެސް ކުރިއަށް އޮތްތަނުގައި ޚާއްޞަ ސަމާލުކަމެއް ދީގެން ތަރައްޤީ ކުރުމަށް މަސައްކަތް ކުރަންޖެހޭ ދާއިރާއެއްކަން ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ނޭޝަނަލް އޭވިއޭޝަން ސެކިޔުރިޓީ ސްޓްރެޓެޖީ އަދި އޭވިއެޝަން ސެކިޔުރިޓީ ކޮމާންޑްގެ މާސްޓަރ ޑިވެލޮޕްމަންޓް އެކްޝަން ޕްލޭން ނެރުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ނޭޝަނަލް އޭވިއޭޝަން ސެކިއުރިޓީ ސްޓްރެޓެޖީއަށް ބައްލަވާލައްވަމުން، މިއީ، އަޅުގަނޑުމެންގެ މަސައްކަތްތައް ބައްޓަން ކުރުމަށް މަގުފަހިކޮށްދޭނެ ސްޓްރެޓެޖީއެއް ކަމަށް ވިދާޅުވިއެވެ. އަދި މި ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް، މި ސްޓްރެޓެޖީ ވަރަށް ބޮޑަށް އެހީތެރިވެދޭނެ ކަމަށާއި، މިދާއިރާގެ ހުރިހާ ސްޓޭކްހޯލްޑަރުން ގުޅިގެން، އެއްއަމާޒަކަށް މަސައްކަތް ކުރުމުގެ ފުރުޞަތުވެސް ހުޅުވިގެންދާނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށް ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި، އޭވިއޭޝަން ސެކިޔުރިޓީ ކޮމާންޑްގެ ވެބްސައިޓް، ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙްކޮށްދެއްވިއެވެ. އަދި އޭވިއޭޝަން ސެކިޔުރިޓީ ޔުނިޓުގެ ވެރިންގެ ގޮތުގައި ޚިދްމަތް ކޮށްދެއްވާފައިވާ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ހަނދާނީ ފިލާ ދެއްވިއެވެ.