ޔުނައިޓެޑް ޢެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) ގެ އެއަރލައިނެއް ކަމަށްވާ "ފްލައި ޑުބާއީ" ގެ ދަތުރުތައް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާއި، އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިން ބައިވެރިވެވަޑައިގެންފިއެވެ.

ޖުމޭރާ ވިއްޓަވެލި ރިސޯޓްގައި ރޭ އޮތް މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ފްލައި ޑުބާއީގެ ފްލައިޓްތައް ރާއްޖެއަށް ފެށުމަކީ ވަރަށް އުފާފުޅު ކުރައްވާ ކަމެއްކަމަށް ވިދާޅުވެ، މި މުނާސަބަތުގެ އިޚްލާޞްތެރި ހެޔޮއެދުންތައް އެ އެއަރލައިންގައި ޚިދުމަތް ކުރައްވާ ހުރިހާ ފަރާތްތަކަށް ފޮނުއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ފްލައި ޑުބާއީގެ ދަތުރުތައް ރާއްޖެއަށް މިފެށެނީ މާލެއަށް ކަމުގައި ވީނަމަވެސް ކުރިއަށް އޮތް ތާނގައި ރާއްޖޭގެ އެހެން ސަރަޙައްދުތަކަށްވެސް ފްލައި ޑުބާއީ ދަތުރުތައް ކުރާނެކަމަށް އުންމީދުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ފްލައި ޑުބާއީގެ ދަތުރުތައް ފެށުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާވެގެންދާނެކަމަށާއި، ޚާއްޞަކޮށް ރަޝިޔާއާއި މެދުތެރޭ އޭޝިޔާގެ ޤައުމުތަކުގެ ފަތުރުވެރިންނަށް ރާއްޖޭގައި އިތުރު ފުރުޞަތުތައް ތަނަވަސްވެގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.