އ.ދ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ މިސްޓަރ އެންޑްރޫ ކޮކްސް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް މިއަދު ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު އޮތް މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިސްޓަރ އެންޑްރޫ ކޮކްސް، ޔޫ.އެން.ޑީ.ޕީ ގެ ރެޒިޑެންޓް ކޯޑިނޭޓަރގެ މަގާމުގައި ހުންނަވައިގެން، އެކި ގޮތްގޮތުން ދެއްވި އެއްބާރުލެއްވުމަށާއި، ރާއްޖޭގެ ތަރައްޤީއަށްޓަކައި ކޮށްދެއްވާފައިވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި އެމަނިކުފާނަށް ޝުކުރު އަދާކުރެއްވިއެވެ.

މިސްޓަރ އެންޑްރޫ ކޮކްސްގެ ވާހަކަފުޅުގައި، އ.ދ. އިން ރާއްޖެއަށް ކަނޑައެޅުއްވި ރެޒިޑެންޓް ކޯޑިނޭޓަރުގެ މަޤާމުގައި ހުންނަވައިގެން، ރާއްޖެއަށް ޚިދުމަތް ކުރެއްވުމަކީ، އެމަނިކުފާނަށް ވަރަށް ބޮޑު އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެއް ކަމުގައި ވިދާޅުވެ، ހުރިހާ ދާއިރާއަކުން ލިބިވަޑައިގެންނެވި އެއްބާރުލެއްވުމަށްޓަކައި ރައީސަށާއި ސަރުކާރަށް ޝުކުރުއަދާކުރެއްވިއެވެ.