މޮރިޝަސްގެ ބޮޑުވަޒީރުގެ ނައިބު އަދި މިނިސްޓަރ އޮފް ފިނޭންސް އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް މިސްޓަރ ޒަވިއޭ ލިއުކް ޑިވާލް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި، ރާއްޖެއާއި މޮރިޝަސްއާ ދެމެދު އޮންނަ ގާތް ގުޅުން، ކުރިއަށް އޮތް ތާނގައި އިތުރަށް ހަރުދަނާވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މަސްވެރިކަމާއި، ފަތުރުވެރިކަމާއި، ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދެޤައުމުގެ އިންވެސްޓްމަންޓް އިތުރުކުރުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ސިޔާސީ މަސްރަޙު މިހާރު އޮތް ގޮތާއި، މިއަހަރު ރާއްޖޭގައި ބޭއްވޭ ރިޔާސީ އިންތިޚާބާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ، މޮރިޝަސްގެ ބޮޑުވަޒީރުގެ ނައިބަށް މަޢުލޫމާތު އެރުވިއެވެ.