ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ އާ ޢިމާރާތް މިއަދު ބައްލަވާލައްވައި، އެ މަދްރަސާގެ ބޯޑާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އެ މަދްރަސާއަށް ކުރެއްވި ޒިޔާރަތުގައި، އެ މަދްރަސާގެ އާ ޢިމާރާތުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބާ ބެހޭގޮތުން މަޢުލޫމާތު ހޯއްދަވައި، މިހާރު ނިމިފައިވާ ބައެއް ކްލާސްތައް ބައްލަވާލެއްވިއެވެ. އަދި އެމަދްރަސާގެ ބޯޑާ އެމަނިކުފާނު ބައްދަލުކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެ މަދްރަސާއަށް މިވަގުތު ދިމާވެފައިވާ ދަތިތަކަކީ ކޮބައިތޯ ބައްލަވައި، އެކަންކަން ޙައްލުކުރެއްވުމަށް މިހާރުން މިހާރަށް އެޅުއްވެންހުރި ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި މަދްރަސާގެ ގްރޭޑް 7ން ފެށިގެން މަތީ ކްލާސްތަކުގެ ކިޔެވުން، އާ ޢިމާރާތުގައި މިއަދު ފެށިފައިވާތީ، ދަށު ކްލާސްތަކުގެ ކިޔެވުންވެސް ވީހާ އަވަހަކަށް، އާ ޢިމާރާތުގައި ފެށުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމުގައި، ބޯޑުގެ އެއްބާރުލެއްވުން ވަރަށް ބޮޑަށް ބޭނުންވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، މަދްރަސާއަށް މިވަގުތު ދިމާވެފައިވާ ބައެއް ދަތިތައް، ބޯޑުގެ މެންބަރުން، ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާ ކުރެއްވިއެވެ. އަދި ޢަރަބިއްޔާގައި ތަޢުލީމް ޙާޞިލް ކުރަމުންދާ ކުދިންގެ ޢަދަދު، އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުންދާކަން، ބޯޑުގެ މެންބަރުން ފާހަގަކުރެއްވިއެވެ.

އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތް ކުރެއްވުމަށްފަހު، ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި، އެ ޢިމާރާތް މުޅިން ނިމި، ހުރިހާ ކްލާހެއްގައި ކިޔަވައިދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ޢިމާރާތަށް ބޭނުންވާ ފަރނީޗަރުވެސް އެހާތަނަށް ލިބޭނެ ކަމުގައި ވިދާޅުވިއެވެ. މަދްރަސާ ފެށިގެން މިދާއިރު، ކަންތައްތައް ތަންކޮޅެއް ދަތިވެދާނެ ކަމަށް ވިދާޅުވެ، ދަރިވަރުންނާއި، މަދްރަސާގެ މުދައްރިސުންނާއި ބެލެނިވެރިންވެސް ކެތްތެރިކަމާއެކު، މި ފުރްޞަތުގެ ބޭނުންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިރާސީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި، ރާއްޖޭގެ ހުރިހާ ދަރިވަރުންނަށާއި، ދަރިވަރުންގެ މައިންބަފައިންނަށާއި މުދައްރިސުންނަށް ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރެއްވިއެވެ. އަދި މިއަހަރަކީ ހުރިހާ ދަރިވަރުންނަށްވެސް ވަރަށް ކާމިޔާބު އަހަރަކަށްވުމަށް އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ އާ ޢިމާރާތް ބައްލަވާލެއްވުމަށްފަހު، އަމީނިއްޔާ ސްކޫލަށާއި، އިސްކަންދަރު ސްކޫލަށްވެސް ޒިޔާރަތް ކުރެއްވިއެވެ. އަމީނިއްޔާ ސްކޫލަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތް ކުރައްވައި، ބައެއް ކްލާސްތަކަށް ވަޑައިގެން، ކުދިންނާ ބައްދަލުކުރެއްވިއެވެ. އަދި ސްޓާފް ރޫމަށް ވަޑައިގެން، މުދައްރިސުންނާވެސް ބައްދަލުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިސްކަންދަރު ސްކޫލަށް ކުރެއްވި ޒިޔާރަތުގައި، އެ ސްކޫލްގެ ދަރިވަރުންނާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ކުދިންނަށް ލިބިފައިވާ މި ފުރްޞަތުގެ ބޭނުން، ފުރިހަމަގޮތުގައި ހިފުމަށް އިލްތިމާސް ކުރެއްވިއެވެ. އަދި މިއީ ޙަޔާތުގައި ލިބޭ ވަރަށް މުހިންމު ފުރްޞަތެއް ކަމަށް ވިދާޅުވެ، ތަޢުލީމީ މަރްޙަލާ، ކާމިޔާބުކަމާއެކު ނިންމުމަށް ނަޞޭޙަތްތެރިވެވަޑައިގެންނެވިއެވެ. އަދި މިއަހަރަކީ ރާއްޖޭގެ ތަޢުލީމީ ޙަޔާތުގައި ވަރަށް އުފެއްދުންތެރި އަހަރަކަށްވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.