ޤައުމުގެ ޝަޚްޞިއްޔަތަށް އަންނަ ބަދަލާ ދޭތެރޭގައި ޤައުމީ ފެންވަރެއްގައި ވިސްނައި، ފިޔަވަޅުތަކެއް އަޅަން މިއަދު ވަނީ މަޖުބޫރުވެފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، ހައްދުންމަތީ ފޮނަދޫގައި މިއަދު ހެނދުނު ބޭއްވެވި ރަސްމީ ޖަލްސާގައި، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މަސައްކަތު މީހުންގެ ޢަދަދު، އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާކަން ބަޔާންކުރައްވަމުން، ބިދޭސީ މަސައްކަތު މީހުންގެ ޢަދަދު އިތުރުވުމަކީ، ޤައުމުގެ ޝަޚްޞިއްޔަތު ނެތިގެންދާނޭ ކަމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.


ރާއްޖޭގައި ވަރކް ވިސާގައި މިއަދު އެއްލައްކަ އެގާރަހާހަށްވުރެ ގިނަ ބިދޭސީން އުޅެމުން އެބަ ގެންދާ ކަމަށާއި، ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ ޢަދަދުވެސް ސާޅީސްހާހަށްވުރެ މައްޗަށް ގޮސްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ޢަދަދުތަކަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، މިއަދު މި ޤައުމުގައި ދިރިއުޅޭ ކޮންމެ ތިން މީހުންކުރެ އެކަކީ ބިދޭސީއެއް ކަމަށާއި، ބިދޭސީ މަސައްކަތްތެރިންގެ އާބާދީ، އަހަރަކު ވިހި އިންސައްތަ އިތުރުވާ ކަމަށް، ތަފާސް ހިސާބުތަކުން ފެންނަން އެބަހުރި ކަމުގައި ވިދާޅުވިއެވެ. މިމިންވަރަށް އިތުރުވަމުންދާނަމަ، މީގެ ހަ އަހަރުފަހުން ރާއްޖޭގެ އާބާދީއަށްވުރެ، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ޢަދަދު އިތުރުވާނެކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ރައްޔިތުންގެ އާބާދީއަށްވުރެ، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ޢަދަދު އިތުރުވުމަކީ، އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭނެ ކަމެއްތޯ، ރައީސުލްޖުމްހޫރިއްޔާ ސުވާލު ކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި، މިއީ އެއްވެސް ދިވެހި ރައްޔިތަކު ގަބޫލުކުރާނެ ކަމެއް ނޫނެވެ. ނުވަތަ ގަބޫލުކުރަން ބޭނުންވާނެ ޙަޤީޤަތެއްވެސް ނޫނެވެ. އަދި ބޭރު މީހުންގެ ނުފޫޒު ގަދަވެއްޖެނަމަ، ދިވެހިވަންތަ ކަމަށާއި، ދިވެހި ޘަޤާފަތަށާއި، ދިވެހި ޤައުމިއްޔަތަށް އެކަމުން ނޭދެވޭ އަސަރުތަކެއް ފޯރުމުގެ ބިރު އޮންނާނީ، ވަރަށް ގާތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމައެއާއެކު، ބިދޭސީން އިތުރުވެގެން ދިޔުމަކީ، މިހާރުވެސް ވަރަށް އުނދަގުލުން ލިބޭ ބޭރު ފައިސާގެ ވަރަށްބޮޑު ޢަދަދެއް، ޤައުމުން ބޭރަށް ދިޔުމުގެ ފުރްޞަތު ހުޅުވިގެންދާ މަގެއްކަންވެސް ރައީސުލްޖުމްހޫރިއްޔާ ހަނދާންކޮށްދެއްވިއެވެ. އެހެންކަމުން، މި ދަނޑިވަޅަކީ، ބޭރު މީހުން ގެންނަ އެކިއެކި ހުނަރުވެރި މަސައްކަތްތަކަށް ދިވެހިން ތަމްރީނުކޮށް، ދިވެހިންނަށް ވަޒީފާގެ ފުރްޞަތުތައް ހޯދައިދިނުމަށް، ޚާއްޞަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ދަނޑިވަޅެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.


ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރިޒޯޓްތަކުގެ ވަކި މަޤާމުތަކެއް ދިވެހިންނަށް ޚާއްޞަކޮށް، އެ މަޤާމުތަކުގައި ބިދޭސީން ނުގެންގުޅުމުގެ ވިސްނުމެއް، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ގެންގުޅުއްވުމަކީވެސް މިއަދުގެ ޙާލަތަށް ބަލާއިރު، އަޅުގަނޑުމެން ކުރަންވެއްޖެ ކަމެއް ކަމުގައިވެސް ވިދާޅުވިއެވެ.


ބިދޭސީންގެ އަދަދު އިތުރުވަމުންދާއިރު، ރާއްޖޭގައި ހިއުމަން ޓްރެފިކިންގގެ މައްސަލަ ބޮޑުވެފައިވާތީ، އެކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު ބައްލަވާލެއްވިއެވެ. ހިއުމަން ޓްރެފިކިންގ މިންކުރުމަށް، ބައިނަލްއަޤްވާމީ ގޮތުން ގެންގުޅޭ މިންގަނޑަށް ބަލާއިރު، ރާއްޖެ މިހާރު ހިމެނިފައިވަނީ، [ޓިއަރ 2]ގައި ކަމަށާއި، މި މައްސަލަ ޙައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް، އެކަން ކުރަންޖެހޭ ބާރުމިނުގައި ކުރެވިގެން ނުދާތީ، [ޓިއަރ 3]ގެ ދަރަޖައަށް ރާއްޖެ ވެއްޓުމަކީ، ވަރަށް ކައިރީގައި އޮތް ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެން ވެއްޖެނަމަ، ރާއްޖެއަށް ބޭރުގެ އެހީ ހޯދުމުގައި، ތަފާތު އެތައް ދަތިތަކަކާ ކުރިމަތިވާނެ ކަމަށް ވިދާޅުވެ، މިކަމަށް ސަރުކާރުން މިއަދު ވަރަށްބޮޑު ސަމާލުކަމެއް ދެމުން ގެންދާކަން ރައީސުލްޖުމްހޫރިއްޔާ ޔަޤީންކޮށްދެއްވިއެވެ. އަދި މިހާރު ފަށާފައިވާ ހިއުމަން ޓްރެފިކިންގއާ ދެކޮޅު ކެމްޕޭނަށް، ހުރިހާ ފަރާތްތަކުން ފުރިހަމަ އެއްބާރުލެއްވުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. އަދި ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހެޅިފައިވާ [މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ބިލު]ގެ މަސައްކަތް، ރައްޔިތުންގެ މަޖިލީހުގެ މި ފެށޭ ދައުރުގައި، އެންމެ އިސްކަމެއްގެ ގޮތުގައި ކޮށްދެއްވައި، ބިލު ނިންމަވައި ދެއްވުމަށް މަޖިލީހުގެ މެންބަރުންގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.


ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖެއަށް ވަދެ ނުކުމެވާ މީހުން ބެލެހެއްޓޭނެ ހަރުދަނާ ބޯޑަރ ކޮންޓްރޯލް ނިޒާމެއް ޤާއިމުވާންޖެހޭ ކަމަށް ވިދާޅުވެ، މި ޤައުމުގެ ޝަޚްޞާއި، އިޤްތިޞާދާ ގުޅިފައިވާ ހިއުމަން ޓްރެފިކިންގގެ މައްސަލަ، ސިޔާސީ ކަމަކަށް ނުހައްދަވައި، މިކަން ޙައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވުމަށް، ދައުލަތުގެ ހުރިހާ މުއައްސަސާތަކަކަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވިއެވެ. ހަމައެއާއެކު، މުޖްތަމަޢުގެ ހަމަޖެހުމާއި، ޞުލްޙަމަސަލަސްކަން ޤާއިމު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަކީ، ވަކި މުއައްސަސާއެއްގެ ނުވަތަ ވަކި ފަރުދެއްގެ މަސައްކަތެއް ކަމަށް ނުބަލައި، އެއީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް ކަމަށް ދެކިގެން، މަސައްކަތް ކުރުމަކީ، މިއަދު ޤައުމު އޮތް ޙާލަތުން އަރައިގަތުމަށް އަދާކުރަން ޖެހިފައިވާ ޤައުމީ ވާޖިބެއްކަންވެސް ރައީސުލްޖުމްހޫރިއްޔާ ހަނދާންކޮށްދެއްވިއެވެ.


ޤައުމީ ދުވަހުގެ މުނާސަބަތުގައި، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހި ޤައުމުގެ މިނިވަންކަމަށްޓަކައި ޖިހާދު ކުރެއްވި އަބްޠާލުންގެ ހަނދާންތައް އާކުރެއްވިއެވެ. އަދި ޤައުމީ ދުވަހުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ޤައުމީ ދުވަހަކީ، ޤައުމީ މިނިވަންކަމާއި އިސްތިޤްލާލު ދެމެހެއްޓުމުގެ ޢަޒުމް އާކުރުމުގެ ދުވަހެވެ. ޤައުމީ އަބްޠާލުންގެ ޛިކުރާ އާކުރެވޭ ދުވަހެވެ. ޤައުމަށްޓަކައި ޝަހީދުވެވަޑައިގެންނެވި ޝަހީދުންގެ ހަނދާން އާކުރެވޭ ދުވަހެވެ. ޤައުމާ ދޭތެރޭގައި ވިސްނައި، ޤައުމަށް އަންނަމުންދާ މުހިންމު ބަދަލުތަކާ ދޭތެރޭގައި ފިކުރުކޮށް، ބަޙުޘްކުރަންވީ ދުވަހެވެ. ޤައުމަށްޓަކައި އަޅުގަނޑުމެންގެ ހިތްތަކުގައިވާ ލޯބި އާލާކުރަންވީ ދުވަހެވެ.


މިއަހަރުގެ ޤައުމީ ދުވަސް ހައްދުންމަތީގައި ފާހަގަކުރުމުގެ ގޮތުން ތަފާތު ޕްރޮގްރާމްތައް ދަނީ ހިނގަމުންނެވެ. މިގޮތުން ޤައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު 6 ޖެހިއިރު ފޮނަދޫ އަތޮޅު ކައުންސިލުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބޭއްވެވިއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ހެނދުނު 7 ޖެހިއިރު ފޮނަދޫ ބަނދަރު ސަރަހައްދުގައި ބޭއްވުނު ގަސް އިންދުމުގެ ޕްރޮގްރާމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވިއެވެ.