ޙަޤީޤީ ޑިމޮކްރަސީގެ މިނިވަންކަން ގުޅިފައި އޮންނަނީ، އިޤްތިޞާދީ މިނިވަންކަމާ ކަމަށް ނައިބު ރައީސް އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އިންތިޒާމު ކުރައްވައިގެން، ބަނޑޮސް އައިލެންޑް ރިޒޯޓުގައި މިއަދު ފެށުނު ރާއްޖޭގެ އިޤްތިޞާދީ ބިންގާ ފުޅާކުރުމުގެ ސިޔާސަތާބެހޭ މަސައްކަތު ބައްދަލުވުން އިފްތިތާޙުކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެނެވެ. ނައިބު ރައީސް ވިދާޅުވިގޮތުގައި، ޙަޤީޤަތުގައި އިޤްތިޞާދީ މިނިވަންކަމަކީ، ރައްޔިތުންގެ މިނިވަންކަމެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ޤައުމެއްގެ ރައްޔިތުންނަށް އިޤްތިޞާދީ މިނިވަންކަން ނުލިބޭހާ ހިނދަކު، ސަރުކާރުގެ ފަރާތުން އެކިއެކި ކަންތައްތައް ކޮށްދިނުމަށް ރައްޔިތުން ޖެހޭނީ ތަކުރާރުކޮށް ސަރުކާރުގައި އެދެން ކަމުގައި ވިދާޅުވިއެވެ. ހިތާމައަކީ މިހާތަނަށް އެނގިގެން ނަމަވެސް އަދި ނޭނގި ނަމަވެސް، ޤައުމުގެ އެކިއެކި ރޭވުންތަކާއި ސިޔާސަތުތައް، އެފަދަ ގޮތަކަށް މަސައްކަތް ކުރަންޖެހޭ ގޮތަށް ބައްޓަން ކުރެވިފައިވާކަން ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އެހެންކަމުން، ކުރިއަށް އޮތް ތާނގައި މިފަދަ ގޮތަކަށް ސިޔާސަތުތައް ބައްޓަން ނުކުރެވޭ ގޮތަކަށް މިއަދު އަޅުގަނޑުމެން ކަންތައްތައް ކުރަން އެބަޖެހޭ ކަމަށާއި، ރާއްޖޭގެ އިޤްތިޞާދީ ނައު ދާންޖެހޭނީ، އަދި އިޤްތިޞާދީ އިޞްލާޙު އަންނަންޖެހޭނީ، މުޅި ޤައުމުގެ ހުރިހާ ރައްޔިތުންނަށް ފައިދާކުރާނޭ ގޮތެއްގެ މަތިން ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، އަޅުގަނޑުމެން ކަންތައްތައް ކުރަމުން ގެންދަންޖެހޭނީ، މައި ސަރުކާރުން ހުރިހާ ކަމެއް ކޮންޓްރޯލްކުރާ އުޞޫލުން ނޫންކަން ފާހަގަކުރެއްވިއެވެ. އަދި މިއަދު މަސައްކަތް ކުރަންޖެހޭނީ، ލާމަރްކަޒީ އުޞޫލުން ކަމަށާއި، ރައްޔިތުންގެ އަތްމައްޗަށް ބާރުތައް ދޫކޮށް، އެބާރުތަކުގެ ބޭނުން ރައްޔިތުންނަށް ރަނގަޅަށް ހިފޭނެ ގޮތަކަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ސަރުކާރުގެ ޒިންމާއަކަށްވާންޖެހޭނީ، ކަންކަން ފަހިކުރުމަށް މަގުކޮށައި، ހިނގޭނެ މަގުތައް ޤާނޫނީ އޮނިގަނޑުގެ ތެރެއިން ރައްޔިތުންނަށް ދެއްކުންކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދީ ބިންގާ ފުޅާކުރެވޭނީ، ކެރޭ ބަޔަކަށް، ކެރޭ ރައްޔިތަކަށް ކަމަށާއި، ވެރިކަމުގައި ތިބޭ މީހުން، ރައްޔިތުންގެ އަޑުއަހައިގެން، އިޤްތިޞާދީ މާހިރުންގެ ލަފާވެސް ހޯދައިގެން ކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުން ކަންތައްތައް ކުރައްވަންވާނީ، ޕްރައިވެޓް ސެކްޓަރާ ގުޅިގެން ކަމާއި، އެބޭފުޅުންގެ ޚިޔާލުތަކާއި ޝުޢޫރުތަކަކީ ކޮބައިތޯ ބައްލަވައިގެންކަންވެސް ނައިބު ރައީސް ހާމަކުރެއްވިއެވެ.