ހުސްވި ނޮވެމްބަރު މަހުގެ 28ވި ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 26 ވަނަ ޖަލްސާއިން ފާސްކުރެއްވި [ޢާންމު ޞިއްޙަތު ރައްކާތެރި ކުރުމުގެ ބިލް"، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މި ޤާނޫނު، ދިވެހި ސަރުކާރުގެ ގެޒެޓްގައި މިއަދު ޝާއިޢު ކުރައްވައިފިއެވެ.

ޢާންމު ޞިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނަކީ، ދިވެހިރާއްޖޭގައި ޢާންމު ޞިއްޙަތު ރައްކާތެރި ކުރުމުގެ އުޞޫލުތައް ބަޔާންކޮށްދިނުމާއި، ޢާންމު ޞިއްޙަތު ރައްކާތެރި ކުރުމުގެ މަސްއޫލިއްޔަތު ޙަވާލުކުރެވިގެންވާ ފަރާތްތައް ކަނޑައެޅުމާއި، ޢާންމު ޞިއްޙަތު ރައްކާތެރި ކުރުމުގެ މަސްއޫލިއްޔަތު ތަންފީޒު ކުރުމުގެ ހަމަތައް ތަފްސީލުކޮށްދިނުމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ދިވެހި ރައްޔިތުންނަށާއި، ދިވެހިރާއްޖޭގައި ދިރިއުޅޭ މީހުންނަށް ލިބިދޭ އަސާސީ ޙައްޤުތައް، ޢާންމު ޞިއްޙަތު ރައްކާތެރި ކުރުމަށް ބޭނުންވާ ނިސްބަތަށް ހަނިކުރުމުގެ އުޞޫލުތައް އެކަށައެޅުމުގެ ޤާނޫނެވެ.

މި ޤާނޫނުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، ދިވެހިރާއްޖޭގައި ޢާންމު ޞިއްޙަތު ރައްކާތެރި ކުރުމުގެ މައިގަނޑު އުޞޫލުތައް ބަޔާންކުރުމާއި، ދިވެހިރާއްޖޭގައި ޢާންމު ޞިއްޙަތު ރައްކާތެރި ކުރުމުގެ ޒިންމާ އުފުލާނެ ފަރާތްތައް ކަނޑައެޅުމާއި، އެފަރާތްތައް ތަރުތީބުވެގެންވާ އޮނިގަނޑު އެކުލަވައިލުމާއި، އެފަރާތްތަކުގެ މައިގަނޑު މަސްއޫލިއްޔަތުތައް އެކަށައެޅުން ހިމެނެއެވެ. އަދި ގައިންގަޔަށް އަރާ ބަލިތަކާއި، ނުރައްކާތެރި ބަލިތަކާއި، ރިޕޯޓް ކުރަންޖެހޭ ބަލިތައް ކަނޑައެޅުމާއި، އެފަދަ އިތުރު ބަލިތައް ކަނޑައަޅާނެ އުޞޫލު ބަޔާންކޮށްދިނުމާއި، ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ބަލިތަކާއި، ގައިންގަޔަށް ނާރާ ބަލިތައް ކަނޑައަޅައި، އެ ބަލިތަކަށް މުޖްތަމަޢު ހޭލުންތެރިކުރުވައި، އެފަދަ ބަލިތަކުން މުޖްތަމަޢު ރައްކާތެރި ކުރުމުގެ އުޞޫލުތައް ކަނޑައެޅުން ހިމެނެއެވެ. މީގެއިތުރުން، ޢާންމު ޞިއްޙަތަށް ކުއްލި ނުރައްކަލުގެ ޙާލަތެއް ދިމާވެއްޖެނަމަ، ޢަމަލުކުރާނެ ގޮތުގެ އުޞޫލުތައް ކަނޑައެޅުމާއި، ޢާންމު ޞިއްޙަތު ރައްކާތެރި ކުރުމުގެ ގޮތުން، ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކުން އުފުލަންޖެހޭ ޒިންމާގެ ދައުރު އެކަށައެޅުމާއި، ޢާންމު ޞިއްޙަތު ރައްކާތެރި ކުރުމުގައި، ދިވެހި ރައްޔިތަކީ ޒިންމާދާރު، މަސްއޫލުވެރި ރައްޔިތަކަށް ހެދުންވެސް ހިމެނެއެވެ.