ކުދިކުދި އާބާދީ ދިރިއުޅޭ ރަށްރަށަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކާ ދޭތެރޭގައި، ޤައުމީ ފެންވަރެއްގައި ވިސްނަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭއަށް މިއަދު ހެނދުނު ވަޑައިގެން، އެރަށު ރައްޔިތުން ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ކުދިކުދި އާބާދީ ދިރިއުޅޭ ކިތަންމެ ރަށެއް، ރާއްޖޭގައި އެބައޮތްކަން ފާހަގަކުރައްވަމުން، އެރަށްރަށަށް ދޭންޖެހޭ އަސާސީ ޚިދްމަތްތަކާ ދޭތެރޭގައިވެސް އަޅުގަނޑުމެން ވިސްނަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ތަރައްޤީވުމަކީ ހަމައެކަނި އާބާދީ ބޮޑުވުމެއް ނޫނެވެ. ޒަމާނީ ވަސީލަތްތައް ލިބުމެއްވެސް ނޫނެވެ. ތަރައްޤީވުމަކީ އުފަލުގައި ދިރިއުޅެވޭނެ ގޮތްތައްވެސް މެދުވެރިވުމެވެ. އަދި ޒަމާނީ ފަސޭހަގޮތްތަކާއި، ލުއިފަސޭހަކަމާއި، ހިތްފަސޭހަކަމާއެކު އުޅެވޭނެ މާޙައުލެއް އުފެއްދުމަކީވެސް ތަރައްޤީއަށްޓަކައި ކުރަންޖެހޭ ކަމެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޅަދަރިންނަށް ތަޢުލީމާއި ޞިއްޙަތު ފުރިހަމައަށް ލިބިދިނުމަކީ އަދި އެކުދިން ބޮޑެތިވަމުން އަންނައިރު، އިތުރު އެހެން ފުރްޞަތުތައް އެކުދިންނަށް ހޯދައިދިނުމަކީ، އަޅަންޖެހޭ ބިންގަލެއްކަން ފާހަގަކުރެއްވިއެވެ. ފުރިހަމަ ޞިއްޙަތެއްގައި ޅަދަރިން ބޮޑެތިކުރުމަކީ އަދި އެކުދިންނަށް ރަނގަޅު ތަޢުލީމެއްގެ ބިންގާ އަޅައިދިނުމަކީވެސް ވަރަށް މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ޅަފަތުގައި ކުދިންނަށް ދޭންޖެހޭ ޞިއްޙީ ފަރުވާ ރަނގަޅަށް ނުލިބުމުގެ ސަބަބުން އެކިބާވަތުގެ ބޮޑެތި ބަލިތައް ކުދިންނަށްޖެހޭގޮތް މެދުވެރިވާ ކަމަށާއި، އެހެންކަމުން، ރަނގަޅު ޞިއްޙީ ބިންގަލެއް އެޅުމަކީވެސް މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ތަޢުލީމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވާލައްވަމުން، އެކި ޖަމާޢަތްތަކުގައި ދެވޭ ތަޢުލީމަކީ، އެއީ ރަނގަޅު ފެންވަރެއްގައި ދެވޭ ތަޢުލީމަކަށްވާން އެބަޖެހޭ ކަމަށާއި، އެކަމާ ދޭތެރޭގައި ސަރުކާރުން ވިސްނާވަޑައިގަންނަވަމުން ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. މިގޮތުން، ތަޢުލީމުގެ ސިޔާސަތަށް ގެންނަވަންޖެހޭ ބަދަލުތައް، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ޚާއްޞަ މަޝްރޫޢެއް ރާއްވަވައިގެން، މިހާރު ބައްލަވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ކޮންމެ ރަށެއްގައިވެސް ގްރޭޑް 10އާ ހަމައަށް ކިޔަވައިދިނުމަކީ، ކުރަންޖެހޭ ކަމެއް ކަމަށާއި، ގްރޭޑް 10އާ ހަމައަށް ކިޔަވައިދިނުމަށްޓަކައި، އެކަން ކުރެވެން އޮތް އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯވެސް ބަލަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޮނޑޭގައި އަންނަ އަހަރު ގްރޭޑް 8 އުފެއްދުމަށް ރައްޔިތުން އެދެމުންދާތީ، އެކަމާ ދޭތެރޭގައިވެސް ވިސްނާވަޑައިގަންނަވާނެ ކަމަށާއި، ގްރޭޑް 8 އުފައްދައި، ކިޔަވައިދެވޭނެ ގޮތެއް އޮތްތޯ ބައްލަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.