މިޤައުމަށްޓަކައި އަދި އެންމެންގެ މަޞްލަޙަތަށްޓަކައި، އެކަކު އަނެކަކާ އެކީގައި މަސައްކަތް ކުރެވޭނެ ގޮތްތަކެއް ހޯދަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު މިހާރު ހުވަދުއަތޮޅު އުތުރުބުރީގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު ކަނޑުހުޅުދުއަށް ވަޑައިގެން، އެރަށު ރައްޔިތުންނާ މިއަދު ހަވީރު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ޤައުމު ކުރިއަށް ގެންދެވެން އޮތީ، ހިތްތިރިކޮށްގެން ކަމަށާއި، މުޖްތަމަޢުގެ އެކިއެކި ފެންވަރުގައި މަސައްކަތްކުރާ ފަރާތްތަކުންވެސް އަދި ދައުލަތުގެ އެކިއެކި މުއައްސަސާތަކުގައި މަސައްކަތްކުރާ މީހުންވެސް، އެއްބަޔަކު އަނެއް ބަޔަކަށް ދޫކޮށް، އެއްބަޔަކު ދައްކާ ވާހަކަ އަނެއް ބަޔަކު އަޑުއަހަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިކަންކަން ކުރެވޭނީ، އެކަކު އަނެކަކަށް އިޙްތިރާމްކޮށްގެން، ކަންކަމާ ދޭތެރޭގައި ތަންކޮޅެއް ބޮޑަށް ވިސްނައިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކޮންމެ ރަށަކަށްދިޔަސް އިވެމުންދަނީ، ކުރަންހުރި ކަންތައްތަކުގެ ގިނަކަމުގެ ވާހަކަ ކަމަށް ވިދާޅުވެ، ޤައުމުގެ ޙާލަތު ހުރިގޮތުން، ކޮންމެ ރަށަކަށްވެސް ބޭނުންވާ އަސާސީ ޚިދްމަތްތައް ފޯރުވައިނުދެވޭކަން ހާމަކުރެއްވިއެވެ. އަދި ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދްމަތްތަކަށް މަގުފަހިކޮށްދިނުމުގެ ބަދަލުގައި ސަމާލުކަންދެވެނީ، އެހެން ކަންތައްތަކަށް ކަމަށާއި، ފައިސާއާއި ވަގުތު ހޭދަކުރެވެނީ، ތަފާތު އެހެން ކަންކަމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމައެއާއެކު، އަޅުގަނޑުމެންގެ ވަގުތުތައް، އެހެން ކަންކަމަށް ހޭދަކުރުމުގެ ސަބަބުން، ޙަވާލުވެފައިވާ މަސްއޫލިއްޔަތުތައްވެސް ރަނގަޅަށް އަދާކުރެވެމުންނުދާކަން ބަޔާންކުރައްވައި، ރައްޔިތުންނާ ދޭތެރޭގައި ވިސްނައި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަން ފުއްދައިދިނުމަށްޓަކައި، އަމިއްލަ ކަންކަން ދޫކޮށްލައިގެން، އެކީގައި މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ކަނޑުހުޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެރަށުގެ ތަރައްޤީއަށްޓަކައި ކުރަންޖެހިފައިވާ ކަންކަމުގެ މައްޗަށް ބައްލަވާލައްވައި، އެގޮތުން ކޮށްދެއްވެންހުރި ކަންތައްތައް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ކަނޑުހުޅުދޫގެ ބޭރުތޮށި ވަރަށް ބޮޑަށް ހަލާކުވެފައި ވުމާއެކު، ކުރިއަށް އޮތް އަހަރުގެ ތެރޭގައި، ތޮށިލުމުގެ މަސައްކަތް މުޅިން ނިންމަވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ސްކޫލްގައި އަލަށް ޢިމާރާތް ކުރަން ފަށާފައިވާ އިމާރާތުގެ މަސައްކަތްވެސް ހުއްޓިފައިވުމާއެކު، އެކަންވެސް ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ފެށޭނެކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. ހަމައެއާއެކު، މިސްކިތް ޢިމާރާތް ކުރުމުގެ މަސައްކަތްވެސް، އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ތެރޭގައި މުޅިން ނިމޭނެ ކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި ރަށުގެ ޞިއްޙީ މަރްކަޒުގެ ފެންވަރު ރަނގަޅު ކުރެއްވުމަށްޓަކައި، ކުރަންހުރި ކަންތައްތައްވެސް ކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.