ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ހުވަދުއަތޮޅު އުތުރުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު މެންދުރުކުރިން ގެމަނަފުށްޓަށް ވަޑައިގެން، އެރަށު ރައްޔިތުންނާ އެމަނިކުފާނު ބައްދަލުކުރައްވައިފިއެވެ.

ގެމަނަފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރަށުގެ ރައްޔިތުންގެ މެދުގައި އޮތް އުޚުއްވަތްތެރިކަމާއި އެއްބައިވަންތަކަން ފެނިވަޑައިގެން، އެކަމަށްޓަކައި އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ކުޑަވަގުތުކޮޅެއްގެ ތެރޭގައިވެސް ފެނިވަޑައިގަތީ، ރަށުގެ ތަރައްޤީއަށްޓަކައި ރައްޔިތުން އަތުގުޅާލައިގެން މަސައްކަތް ކުރަމުންދާކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ގެމަނަފުށްޓަކީ މަސްވެރިކަމަށް ޚާއްޞަ ނަމޫނާ ރަށެއްކަމާއި، ރަށުގެ ވަރަށްގިނަ ޢާއިލާތައް މަސްވެރިކަމުގެ ތެރޭގައި އުޅުއްވާކަން ފާހަގަކުރެއްވިއެވެ. އަދި ރަށުގެ ރައްޔިތުން ވަރަށް ފޯރިއާއެކު މަސްވެރިކަމުގެ މަސައްކަތް ކުރައްވަމުން ގެންދެވުމުގެ ސަބަބުން މިއަދު އެމަސައްކަތް ވެފައިވަނީ، ރައްޔިތުންނަށް ވަރަށްބޮޑު އާމްދަނީއެއް ލިބޭ މަސައްކަތަކަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މަސްވެރިކަން ކުރިއަށް ގެންދެވުމަށް ރައްޔިތުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި، ވެދެއްވެން އޮތް ހުރިހާ އެހީތެރިކަމެއް ސަރުކާރުން ވެދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި ރަށުގައި މަސްކައްކައި، މަސްހިއްކާ ޢާއިލާތަކުގެ ކޯޕަރޭޓް ސޮސައިޓީއެއް އުފެދިފައިވާކަން ފާހަގަކުރައްވަމުން، މިއީ ވަރަށް ރަނގަޅު ފާލެއް ކަމަށާއި، އެ މަސައްކަތްކުރާ ޢާއިލާތަކަށް، މި ސޮސައިޓީގެ ފަރާތުން އެކަށީގެންވާ އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކޯޕަރޭޓް ސޮސައިޓީގެ ތެރެއިން މަހުގެ ފެންވަރާއި، މަހުގެ އަގު ކޮންޓްރޯލް ކުރުމަށް، ކުރައްވަންޖެހޭ ކަންތައްތައް ކުރެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ގެމަނަފުށީގެ ބަނދަރު އޮތް ޙާލަތަށް ބައްލަވައިލައްވަމުން، އިރާދަކުރެއްވިއްޔާ، މިއަހަރުގެ ތެރޭގައި ބަނދަރުގެ މަސައްކަތް ފެށި، އަންނަ އަހަރު ބަނދަރުގެ މަސައްކަތް މުޅިން ނިމޭނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވިއެވެ. އަދި ގެމަނަފުށީ ރައްޔިތުން ތަޢުލީމަށް ދެއްވާ އަހަންމިއްޔަތު ފާހަގަކުރައްވަމުން، އެރަށުގެ ތަޢުލީމީ ޙާލަތު ރަނގަޅު ކުރެއްވުމަށް ކުރެވެންހުރި ކަންތައްތައްވެސް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ގެމަނަފުށީގެ ކަރަންޓްގެ ޙާލަތު، ނާޒުކު ފައްތަރެއްގައި އޮތުމާއެކު، ފެނަކަ ކުންފުންޏާ ޙަވާލުކުރައްވައިގެން، ކަރަންޓްގެ ޙާލަތު ރަނގަޅު ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.