ރައްޔިތުންގެ މެދުގައިވާ ޚިޔާލު ތަފާތުވުންތައް ކުޑަކުރައްވައި، ސިޔާސީ ކުލަތައް ތަންކޮޅެއް މަދުކުރައްވައި، ހުރިހާ އަޑުތަކެއްގެ މައްޗަށް ދިވެހި ދިދައާއި، ދިވެހި ކުލަތައް އުފުއްލަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު އެދިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގަތީ، ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދުއަށް ވަޑައިގެން، މިއަދު ހަވީރު އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މިއަދު އަޅުގަނޑުމެންގެ ތެރޭގައި ހުރި ފިކުރީ ތަފާތުތަކަށްވުރެ ބޮޑަށް ބޭނުންވަނީ، ރަށް ތަރައްޤީކޮށް، ރައްޔިތުންނަށް ފަސޭހަކަމާއެކު ދިރިއުޅެވޭނެ ގޮތްތައް ހޯދުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނު ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި، އެންމެ ގިނައިން އިވިވަޑައިގަންނަވާ އެއް އަޑަކީ، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދްމަތްތައް ނުލިބުމުގެ އަޑު ކަމަށް ވިދާޅުވިއެވެ. ބޯފެނުގެ ޚިދްމަތާއި، ނަރުދަމާގެ ޚިދްމަތާއި، ބަނދަރު ހެދުންފަދަ އަސާސީ ޚިދްމަތްތަކަކީ، ރައްޔިތުންނަށް ނުހަނު ބޮޑަށް ބޭނުންވެފައިވާ ޚިދްމަތްތަކެއް ކަމަށްވީނަމަވެސް އަދި އެއީ ރައްޔިތުންނަށް ލިބިދޭންޖެހޭ ޙައްޤުތަކެއް ކަމަށްވީނަމަވެސް، މިހާތަނަށް އައިއިރުވެސް، ގިނަ ރަށްރަށުގައި މި ޚިދްމަތްތައް ގަވާއިދުން ދޭން ފެށިފައިނުވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިކަންކަމަށް ފުދޭވަރެއްގެ ބޮޑު ޚަރަދުތަކެއް ހިނގާއިރު، މިއީ ކުރަން އެހާ ފަސޭހަ ކަންތައްތަކެއް ނޫން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެން ނަމަވެސް، ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ، ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދްމަތްތައް، ބަޖެޓްވެސް ތަންދިން މިންވަރަކުން ދެއްވުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޑިމޮކްރަސީ ގެންނަނީ ރައްޔިތުން ބޭނުންވާ އަސާސީ ކަންކަމުން، އެމީހުން މަޙްރޫމް ކުރުވުމަށް ނޫން ކަމަށާއި، ޑިމޮކްރަސީގެ ބޭނުމަކީ، ތަރައްޤީ ގެނައުން ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ތަރައްޤީއާނުލާ އޮތީ ކޮން ޑިމޮކްރަސީއެއްތޯ ރައީސުލްޖުމްހޫރިއްޔާ ސުވާލު ކުރެއްވިއެވެ.

ދެއްވަދުއަށް ކުރިމަތިވެފައިވާ ބައެއް މައްސަލަތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އިޝާރާތް ކުރައްވަމުން، ދެއްވަދޫ ބަނދަރުގެ މަސައްކަތް މިހާރު ފެށިފައި ވުމާއެކު، އިރާދަކުރެއްވިއްޔާ މިއަންނަ އަހަރުގެ ތެރޭގައި، އެމަސައްކަތް މުޅިން ނިމޭނެ ކަމުގައި ވިދާޅުވިއެވެ. އަދި ދެއްވަދޫގައި މިސްކިތެއް ބިނާކުރުމުގެ މަސައްކަތްވެސް، އަންނަ އަހަރު ފަށްޓަވާނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. މީގެއިތުރުންވެސް، ކުރެވެންހުރި އެހެން ކަންކަން، ބަޖެޓް ތަންދިން މިންވަރަކުން ކުރައްވަމުން ގެންދަވާނެ ކަމަށާއި، އަންނަ އަހަރުގެ ބަޖެޓްގައި، އެންމެބޮޑު ސަމާލުކަމެއް ދެއްވާފައިވަނީ، ތަޢުލީމަށާއި ޞިއްޙަތަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.