މިނިސްޓްރީތަކުގެ އެކިފެންވަރުގެ ބޭފުޅުން، ޚާއްޞަކޮށް ފަންނީ ދާއިރާގެ ބޭފުޅުން ރަށްރަށަށް ދަތުރުކުރައްވައި، އެރަށްރަށުގެ ކުރިއެރުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި، ޚިޔާލާއި މަޝްވަރާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު އެދިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގަތީ، އެމަނިކުފާނު ހުވަދުއަތޮޅު އުތުރުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހެނދުނު އެއަތޮޅު ނިލަންދުއަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓްރީތަކުގައި ތިއްބަވާ ބައެއް މުވައްޒަފުންނަކީ، ހަމައެކަނި މާލޭގައި ތިއްބަވަންޖެހޭ ބައެއް ނޫންކަމަށާއި، އެފަދަ މުވައްޒަފުންވެސް ރަށްރަށަށް ވަޑައިގެން، ރައްޔިތުންނާއެކީގައި މަސައްކަތް ކުރައްވަންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މާބޮޑެތި ޢަދަދުތަކުން ފައިސާ ޚަރަދުނުކޮށްވެސް، ރަށްރަށުގެ ތަރައްޤީއާއި ކުރިއެރުމަށް ކުރެވިދާނެ މަސައްކަތްތައް ހުންނާނެ ކަމަށާއި، ރައްޔިތުންނާއި، ރަށު ކައުންސިލާއި، ސަރުކާރާ ގުޅިގެން އެފަދަ މަސައްކަތްތައްވެސް ކުރެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރަށް ދިރުވުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގައިވެސް، އާ ޚިޔާލުތައް އުފެދެންޖެހޭ ކަމަށާއި، އާ ޚިޔާލުތަކާއެކު ވީހާވެސް ގިނަ ފަރާތްތައް ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކެއް ހޯދަންޖެހޭ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރައްޔިތުންނަށް ދޭންޖެހޭ ޚިދްމަތްތައް، ދައުލަތުގެ ފަރާތުން ދޭންޖެހޭނީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކުގައިކަން ފާހަގަކުރެއްވިއެވެ. އަދި ޚިދްމަތް ދިނުމުގައި، ވަކި ކުލައަކަށް ބަލައިގެން، ތަފާތުތަކެއް ގެންގުޅެގެން ނުވާނެ ކަމަށާއި، ކޮންމެ މަޤާމަކަށް އިންތިޚާބުވި ކަމުގައި ވިޔަސްވެސް، ދެން ކަންތައް ކުރަންޖެހޭނީ، ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައިވާ ގޮތުގެ މަތީން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރަނގަޅު ހެޔޮވެރިކަމެއް ކުރާ ކަމުގައިވާނަމަ، ވަކި ކުލައަކަށް، ވަކި ޕާޓީއަކަށް ނުބަލައި، އެންމެންނަށްވެސް ހަމަހަމަ އުޞޫލަކުން ކަންތައްތައް ކުރަމުން ގެންދަންޖެހޭނެ ކަމަށާއި، މިއަދުގެ ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނީ، މިގޮތުގެ މަތީން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ނިލަންދުއަކީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިޘާގައި ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ރަށެއް ކަމަށްވުމާއެކު، ދައުލަތުގެ ފަރާތުން ހަމަޖައްސަންޖެހޭ ބައެއް ކަންކަން، މިއަދާ ހަމައަށްވެސް ހަމަނުޖެހި ހުރުމާއެކު، އެކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބައްލަވައިލެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އެރަށުގައި ޢިމާރާތް ކުރަން ފެށިފައި ހުރި ގެތަކުގެ މަސައްކަތް މިހާރު ހުއްޓިފައި ހުރުމާއެކު، އެމަސައްކަތް އިރާދަކުރެއްވިއްޔާ، ވަރަށް އަވަހަށް ފެށި، އަންނަ އަހަރުގެ މެއިމަހުގެ ތެރޭގައި، ހުރިހާ ގެތައް ޢިމާރާތްކޮށް ނިމޭނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.