މަސްވެރިކަމުގެ ވައްޓަފާޅިއާއި މަސައްކަތަށް އައި ބަދަލާ ގުޅިގެން، ޒުވާން މަސްވެރިން މަސްދޯނީގައި މާކަނޑުގައި އުޅޭ ވަގުތާއި، ޢާއިލާއާ ވަކިން އުޅެންޖެހޭ ވަގުތު އިތުރުވެފައިވުމާއެކު، މިފަދަ ބަދަލުތަކެއް އަންނަމުންދާއިރު، މަސްވެރި ޒުވާނުންގެ ޞިއްޙަތަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ވިދާޅުވެ، ހެލްތް ދާއިރާއާއި ފިޝަރީޒް ގުޅިވަޑައިގެން، މިކަމަށް މަސައްކަތްތަކެއް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު އެދިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގަތީ، މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި، މިރޭ ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދިވެހިރާއްޖޭގައި ޒަމާނުއްސުރެ ކުރަމުން އަންނަ މަސްވެރިކަމުގެ ވައްޓަފާޅި ބަދަލުވެގެންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، ކުރިން ފަތިހު ތެދުވެ، އެންދަމައިގެން މަހަށް ނުކުމެ، އެދުވަހު މަސް ބާނައިގެން ރަށަށް ލެފިކަމުގައިވިޔަސް، މިއަދު މަސްވެރިން މަހަށް ނުކުމެ، ހަފްތާއެއް ނުވަތަ ދެހަފްތާއެއްހާ ދުވަސް މާކަނޑުގައި ހޭދަކުރަމުންދާ ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މަސްވެރިކަމުގެ ޞިނާޢަތުގައި ޒުވާނުންގެ ބައިވެރިވުންވެސް، ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމުގައި ވިދާޅުވަމުން، މިހާރު މަހަށް ނުކުންނަ ޒުވާނުންނަކީ، ކިޔަވައިގެން އެކަމުގެ ތަޢުލީމް ލިބިގެން މަހަށް ނުކުންނަ ޒުވާނުންނަށް އެބަވާންޖެހޭކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި، އެއީ މޫސުމަށް އަންނަ ބަދަލުތަކާއި، ބާނާ މަހުގެ ޢިލްމު އެނގުމަކީ، މަސްވެރިކަން ކުރިއެރުވުމަށް ލިބޭ އިތުރު ބާރަކަށްވާނެއެވެ.

މަސްވެރިކަމުގެ ޞިނާޢަތަކީ، މިހާރު ހަމައެކަނި ދޮށިއަޅައިގެން މަސްވެރިކަން ކުރުން ނޫން ކަމަށާއި، މައިކްރޯ ބައޮލޮޖިސްޓުން ފެށިގެން ގޮސް އެކައުންޓެންޓުންނާއި އަދި މެނެޖީރިއަލް ވަޒީފާތައްވެސް، މަސްވެރިކަމުގެ ޞިނާޢަތުގައި ތަނަވަސްވަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެކްއަރކަލްޗަރގެ ޞިނާޢަތް ހުޅުވި، ތަރައްޤީވެގެންދާއިރު، މަސް ވިއްސާ އާލާކުރުމާއި، މަހަށްޖެހޭ ބަލިތައް ކޮންޓްރޯލް ކުރުމާއި އަދި މަސް ޕްރޮސެސް ކުރުމުގެ ދާއިރާގެ ގިނަ ވަޒީފާތަކެއް ހުޅުވިގެންދާނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިބޭއްވެވި ޙަފްލާގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، ރާއްޖޭގެ މަސްވެރިކަން ވަރަށްބޮޑަށް ތަރައްޤީވެ، އެކަމުން ރާއްޖޭގެ އިޤްތިޞާދަށްވެސް ވަރަށް ބޮޑެތި ފައިދާތަކެއް ލިބެމުންދާ ކަމަށް ވިދާޅުވިއެވެ. 2007 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަން ދަށްވަމުން އައި އައުން މިހާރު ރަނގަޅުވާން ފަށާފައިވާކަމުގެ ނިޝާންތައް، މިއަހަރު ނިމެމުންދާއިރު ފެންނަން ފަށާފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މަސްވެރިކަން ތަރައްޤީކޮށް ކުރިއެރުވުމުގައި، އެކްއަރކަލްޗަރ ތަޢާރުފްކޮށް، ޞިނާޢީ ފެންވަރުގައި މަސް ވިއްސާ އާލާކޮށް، އެކްއަރކަލްޗަރގެ އުފެއްދުންތައް ގެނައުމަކީވެސް ކޮންމެހެން މުހިންމު ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ މަސްވެރިކަން ބެލެހެއްޓުމުގައި، ތިމާވެށްޓާ ރަޙްމަތްތެރި ގޮތަކަށް، އެކަންތައްތައް ކުރުމަކީ، ރާއްޖެއަށް އެންމެ ފައިދާކުރުވަނިވި ގޮތްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަހުގެ އިޙްތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް ވިލިނގިއްޔަށް ޒިޔާރަތް ކުރެއްވުމަކީ، ލިބިވަޑައިގަންނަވާ ވަރަށްބޮޑު އުފާފުޅެއް ކަމަށް ވިދާޅުވެ، ވިލިނގިއްޔަކީ މަސްވެރިކަމުގެ ދާއިރާގައި ވަރަށް ބޮޑަށް ފާހަގަކުރެވޭ ރަށެއްކަންވެސް ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ.