ކުރިއަށް އޮތް ތާނގައި، މިހާރަށްވުރެ ބޮޑު ސްކޭލެއްގައި މަސްވެރިކަންކޮށް، މަސްވެރިކަން މެނޭޖް ކުރުމުގެ ޚިޔާލު ނެރުމަށް ވިސްނަން ޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް، ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީގައި ހިންގަމުންގެންދާ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނިގެން މިއަދު ހަވީރު ބޭއްވެވި މަސްވެރިކަމުގެ ޤައުމީ ފޯރަމް އިފްތިތާޙު ކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިފޯރަމަކީ ރާއްޖޭގެ މަސްވެރިކަމުގެ ޙާލަތު މިހާރުއޮތްގޮތް ދެނެގަނެ، މަސްވެރިކަމުގެ ކުރިމަގު ބައްޓަން ކުރެވިދާނެގޮތްތަކާ ދޭތެރޭގައި ޚިޔާލުކޮށް މަޝްވަރާ ކުރުމުގެ މަޤްޞަދުގައި ބޭއްވެވި ފޯރަމެކެވެ.

މަސްވެރިކަން ކުރުމުގައި މިހާރު ކުރިމަތިވާ އެންމެބޮޑު މައްސަލައަކީ، ތެލުގެ އަގު ބޮޑުވަމުންދިޔުން ކަމަށާއި، ތެލުގެ އަގަކީ މަހުގެ އަގުގެ ވަރަށްބޮޑު ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންކަމުން، މިޒަމާނުގެ ޓެކްނޯލޮޖީގެ ވަސީލަތްތައް އަޅުގަނޑުމެން ތަޢާރުފްކުރާއިރު، ދޯނިފަހަރަށް ވީހާވެސް ޚަރަދުކުޑަކޮށް މަސްއައިންތަކާ ހަމައަށް ދެވޭނެގޮތް ހޯދުމަކީ، ވަރަށް މުހިންމު ކަމެއްކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ. މިރޮނގުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ރާއްޖޭގައި ފައިދާހުރި ގޮތެއްގައި، ގިނަބަޔަކު އެކުވެގެން މަސްވެރިކަންކުރާ ކުންފުނިތަކެއް ނެތްކަން ފާހަގަކުރެއްވިއެވެ. އަދި ތެލަށް ކުރަންޖެހޭ ޚަރަދު ބޮޑުކަމާއެކު، މުސްތަޤްބަލުގައި ގިނަދޯނިފަހަރު އެކީގައި ބެލެހެއްޓޭފަދަ މަސްވެރިކަމުގެ ކުންފުނިތަކުން މިކަން ކުރަމުން ގެންދާނަމަ، މިފަދަ ޚަރަދުތައް ހަމަޖައްސަން ތަންކޮޅެއް ފަސޭހަވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިދިޔަ ފަންސާހަކަށް އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގެ މަސްވެރިކަންވަނީ ވަރަށްބޮޑު ކުރިއެރުންތަކެއް ހޯދާފައި ކަމަށާއި، މިއަދު ޒަމާނީ ޓެކްނޯލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން، ވަރަށް ކާމިޔާބު ގޮތެއްގައި މިމަސައްކަތް ކުރެވެމުންދާ ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖެ، މެރިން ސްޓްވެޑްޝިޕް ކައުންސިލްގެ ސެޓްފިކެޓް ޙާޞިލުކުރިކަން އެއީ ރާއްޖޭގެ މަސްވެރިކަމުގެ ތާރީޚުގައި، އަލަށް ޙާޞިލު ކުރެވުނު ވަރަށް މުހިންމު ކާމިޔާބީއެއް ކަމަށާއި، އޭގެ ޙައްޤު ޝުކުރު އަދާކުރަންޖެހެނީ، ރާއްޖޭގެ މަސްވެރިންނަށާއި، މަސް އެކްސްޕޯޓް ކުރައްވާ ފަރާތްތަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މަސްވެރިކަމުގެ ޤައުމީ ފޯރަމް އިފްތިތާޙުކޮށްދެއްވުމަށްފަހު، މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ވިލިނގިލީގައި ބޭއްވި ޓްރޭޑް ފެއަރވެސް ބައްލަވައިލެއްވިއެވެ.