ސިފައިންގޭގައި ގިނަ ދުވަހު ޚިދްމަތް ކުރައްވާފައިވާ ބޭފުޅުންގެ ޖަމްޢިއްޔާ [މޯލްޑިވްސް މިލިޓަރީ ވެޓެރަންސް] (މޯލްވެޓްސް) ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ރޭ އިފްތިތާޙުކޮށްދެއްވައިފިއެވެ. އަދި ސިފައިންގެ ޢާއިލާތަކުގެ ޖަމްޢިއްޔާ [ސިފައިންގެ ފެމިލީ އެސޯސިއޭޝަން] (ސިފަމާ)، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިން އިފްތިތާޙުކޮށްދެއްވައިފިއެވެ.

މި ރަސްމިއްޔާތުގައި ނައިބު ރައީސް އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން ދެއްކެވި ވާހަކަފުޅުގައި، ސިފައިންގެ ފެމިލީ އެސޯސިއޭޝަނެއް އިފްތިތާޙު ކުރެއްވުމަކީ، ވަރަށްގިނަ ކަންތައްތަކެއް އަދި ވަރަށްގިނަ އުފާތަކެއް ޙާޞިލުވެގެންދާނެ ކަމެއް ކަމުގައި ވިދާޅުވިއެވެ. ސިފައިންނަކީ ޤައުމުގެ ދިފާޢުގައި، އެމީހުންގެ ފުރާނައަށް ބަލައިލުމެއްނެތި އަދި އެއްވެސް ބިރުވެރިކަމެއްނެތި، ދިމާވާ ކޮންމެ ކަމެއްގައި ނުކުންނަ މީހުން ކަމަށް ވިދާޅުވެ، ވޭތުވެދިޔަ ތާނގައިވެސް ރާއްޖެއަށް ދިމާވި އެކިއެކި ހިތާމަވެރި ޙާދިޘާތަކުގައި، ސިފައިން ވެވަޑައިގެންނެވި ޤުރްބާނީތައް، ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި މިފަދަ އެސޯސިއޭޝަނެއް އޮތުމުގެ ސަބަބުން އެންމެން އެކަތިގަނޑަކަށްވެ، އެކަކު އަނެކަކަށް ދިމާވާ އެކި ކަންކަމުގައި އެހީފޯރުވައިދިނުމުގެ މަގު ފަހިވެގެންދާނެ ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ. ރަނގަޅު މާޙައުލެއްގައި، ޢާއިލާތަކާ އެކީގައި ވަގުތުކޮޅެއް ހޭދަކޮށް، ޢާއިލާތަކާ ބައްދަލުވެ ވާހަކަ ދައްކާލާނެ ފުރްޞަތު އޮތުމަކީ، މިއަދު ރާއްޖޭގެ މާޙައުލު އޮތްގޮތުންވެސް ވަރަށް މުހިންމު ކަމެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ އުންމީދަކީ، މި އެސޯސިއޭޝަންގެ ތެރެއިން އާމްދަނީ ލިބޭނެ ކަންތައްތައް ތަޢާރުފްވެ، އެކަންކަމުގެ މައްޗަށް ކަންކަން ބައްޓަން ކުރެވިގެން ދިޔުން ކަމުގައިވެސް ވިދާޅުވިއެވެ.

ރޭ އިފްތިތާޙު ކުރެވިގެންދިޔަ މޯލްޑިވްސް މިލިޓަރީ ވެޓެރަންސްގެ މުހިންމުކަމުގެ މައްޗަށް ނައިބު ރައީސް ވާހަކަފުޅު ދައްކަވަމުން، ސިފައިންގެތެރޭގައި ޚިދްމަތް ކޮށްދެއްވައި، މިއަދު ވަކިވެވަޑައިގެންފައިވާ ބޭފުޅުންނަކީ، ޤައުމަށް ވަރަށް އަގުހުރި ޚިދްމަތްތަކެއް ކޮށްދެއްވާފައި ތިއްބެވި ބޭފުޅުން ކަމަށާއި، އެބޭފުޅުންގެ އަގު އަޅުގަނޑުމެން ވަޒަން ކުރަންޖެހޭނެ ކަމުގައި ވިދާޅުވިއެވެ. އެބޭފުޅުން ސިފައިންގެ ތެރޭގައި ޚިދްމަތް ކުރެއްވުމަށް ވަޑައިގަތީ، ޤައުމުދެކެ ލޯބިވާތީ ކަމަށާއި، ޤައުމަށްޓަކައި ޖިހާދު ކުރައްވައި، ޤައުމު ޙިމާޔަތް ކުރެއްވުމަށް ކަމުގައި ވިދާޅުވިއެވެ. އެހެންކަމުން، އެފަދަ ބޭފުޅުންގެ ޚިދްމަތް، އަޅުގަނޑުމެން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށާއި، އެބޭފުޅުން ކުރެއްވި މަސައްކަތާއި، ކުރެއްވި އަގުހުރި ޚިދްމަތް، މި ޤައުމުގެ އަންނަން އޮތް ޖީލުތަކަށް ދައްކައިދޭން ޖެހޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރޭގެ ރަސްމިއްޔާތުގައި، ނަޞްރުގެ ދުވަސް ފާހަގަކުރެއްވުމަށް ހިންގެވި ޙަރަކާތްތަކުގައި ބައިވެރިވި ފަރާތްތަކުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން، އެފަރާތްތަކަށް ހަނދާނީ ލިޔުން ދެއްވުންވެސް އޮތެވެ.