ގާރލްޑްގައިޑް ޕެޓްރޯލް ލީޑަރުންގެ 14 ވަނަ ތަމްރީނު ކޭމްޕް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފްގައިޑް އަލްފާޟިލާ އިލްހާމް ޙުސައިން މިއަދު އިފްތިތާޙުކޮށްދެއްވައިފިއެވެ. މިކަމަށްޓަކައި މިއަދު ހަވީރު ކުޑަބަނޑޮހުގައި ބޭއްވެވި ރަސްމިއްޔާތުގައި، އެކަމަނާ ދެއްކެވި ވާހަކަފުޅުގައި، މިއަދު މިފެށުނު ކޭމްޕަކީ ކުދިންގެ ކުރިމަގަށް ނުހަނު މުހިންމު އަދި ބޭނުންތެރި ޕްރޮގްރާމެއް ކަމަށާއި، މިފަދަ ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރްޞަތު ލިބުމަކީ، ކުދިންގެ ކުރިމަގަށް އެޅިގެންދާނެ ނުހަނު ބޭނުންތެރި ފާލަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ.

މިއަހަރުގެ ތަމްރީނު ޕްރޮގްރާމްގެ ޝިޢާރު ކަމުގައިވާ [އެކަކު އަނެކާއަށް އަހަރުމެން އެހީތެރިވުން] މި ޝިޢާރަށް ބައްލަވައިލައްވަމުން، މިއީ މިހާރުން މިހާރަށް މި ޤައުމަށް ވަރަށް މުނާސިބު ޝިޢާރެއްކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާހަގަކުރެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގައި އިޖްތިމާޢީ އެކިއެކި މައްސަލަތައް އިންތިހާއަށް އިތުރުވެ، ގެވެށި އަނިޔާއާއި، އެކަކު އަނެކާއަށް އުނދަގޫ ކުރުމާއި އަދި އެކަކު އަނެކާގެ ޒާތީ ދިރިއުޅުމަށް އިޙްތިރާމު ނުކުރުން ޢާންމުވެފައިވާ ކަމުގައި އެކަމަނާ ވިދާޅުވިއެވެ. އަދި މިއީ ތަރައްޤީވެފައިވާ ތަހުޒީބު މުޖްތަމަޢެއްގައި އެއްވެސް ބަޔަކު ބަލައިގަނެ ގަބޫލުކުރާނެ އުޞޫލުތަކެއް ނޫން ކަމަށާއި، އެކަކު އަނެކާއަށް އެހީތެރިވެ، އިޙްތިރާމް ކުރަން ދަސްކުރުމަކީ، މިހުރިހާ އިޖްތިމާޢީ ބަލިމަޑުކަމަށް އޮތް ޝިފާ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި، މި ތަމްރީނު ޕްރޮގްރާމްގެ ބޭނުން ފުރިހަމައަށް ހިފުމަށް އެދިވަޑައިގެން، ޕްރޮގްރާމްގެ ބައިވެރިންނަށް ނަޞޭޙަތްތެރިވެވަޑައިގެންނެވިއެވެ. އަދި ގައިޑް ޙަރަކާތްތައް ކުރިއަށް ގެންދެވުމުގައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުންނާއި، ރާއްޖޭގެ ސްކޫލްތަކުން ވެދެއްވާ އެއްބާރުލެއްވުމާއި އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ. އަދި ގައިޑުންގެ ހީވާގި މައިންބަފައިންނާއި ބެލެނިވެރިންނަށްވެސް އެކަމަނާ ޝުކުރު އަދާކުރެއްވިއެވެ.