ރާއްޖޭގެ ތަރައްޤީއަށް ޙިއްޞާވެދޭ ކޮންމެ މީހެއްގެ އަޑު އަޅުގަނޑުމެން އަހަންޖެހޭނެ ކަމުގައި ނައިބު ރައީސް އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، ލާމަރްކަޒީ ނިޒާމު ހަރުދަނާ ކުރުމާ ގުޅޭގޮތުން ބޭއްވެވި މަޝްވަރާ ބައްދަލުވުން އިފްތިތާޙު ކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ހެނދުނު ޓްރޭޑަރޒް ހޮޓެލްގައި އޮތް މި ރަސްމިއްޔާތުގައި، ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، މިބައްދަލުވުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލައްވަމުން، ކަންކަން ބަދަލުވާން އެބަޖެހޭ ކަމަށާއި، މިބައްދަލުވުމަށް އާ ވިސްނުންތަކާއި، އާ ހުށަހެޅުންތައް ހުށަހެޅެންޖެހޭ ކަމުގައި ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން އިޤްތިޞާދީ ގޮތުންވެސް ރައްޔިތުން ބާރުވެރިކުރުވުމަށް މަގުފަހިވެގެންދާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ އެހެން ރަށްރަށާއި މާލެއާ އަޅާބަލާއިރު ވަރަށްބޮޑު ތަފާތުތަކެއް އެބަހުރިކަން ބަޔާން ކުރައްވަމުން، ތަޢުލީމީ ދާއިރާއަށާއި، ޞިއްޙީ ދާއިރާއަށް އެކަނި ބަލައިލި ކަމުގައިވިޔަސް، މި ތަފާތު ފެންނަ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ކައުންސިލްތަކުން ރައްޔިތުންގެ އަޑު އެހުމުގެ މުހިންމު ކަމުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. އަދި ކައުންސިލްތަކުގެ ބޭނުމަކަށްވާންވާނީ، ވަކި ޕާޓީއެއްގެ ކުރިއެރުމަށް މަސައްކަތް ކުރުން ނޫން ކަމަށާއި، ވަކި ކުލައަކަށް ނުބަލައި، ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތް ކުރުން ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގެ އިދާރީ ދާއިރާތައް، ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ބިލް، ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ދުވަހަކީ، ރަށްރަށުގެ ރައްޔިތުންނަށް މިނިވަންކަން ލިބި، އެމީހުންނަށް ޚިޔާލުފާޅުކުރުމުގެ ފުރްޞަތު ލިބުނު ދުވަސް ކަމުގައި ވިދާޅުވިއެވެ. އަދި ރަށްރަށުގެ ރައްޔިތުންނަށް ފުރިހަމަ ބާރު ދިނުމަކީ، ވަރަށްބޮޑު ބިރެއް ކަމަށް، އޭރު ބައެއް ބޭފުޅުން ދެކެވަޑައިގެންނެވި ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.