ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ލިބިދެވޭ ތަޢުލީމުގެ ފުރްޞަތުތަކާ ބެހޭގޮތުން ހިއުމަން ރައިޓްސް ކޮމިޝަނުން ޤައުމީ ފެންވަރުގައި ކުރިއަށް ގެންދަވާ އިންކުއަރީއެއްގެ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިން، ރޭ އިފްތިތާޙުކޮށްދެއްވައިފިއެވެ.

މިކަން އިފްތިތާޙުކޮށްދެއްވަމުން، އެކަމަނާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގައި ތިބި ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ ކުދިންގެ ތެރެއިން ރަސްމީ ތަޢުލީމުގެ ނިޒާމުގައި ހިމެނިފައިވަނީ، އެންމެ 10 އިންސައްތަ ކުދިންކަން ފާހަގަކުރައްވަމުން، ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ ކުދިންނަށް ތަޢުލީމު އުނގަންނައިދިނުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި އެކުދިންނަށް ތަޢުލީމު އުނގަންނައިދިނުމަށް ޤާއިމުކުރަން ޖެހިފައިވާ ޢުމްރާނީ ވަސީލަތްތަކާއި، އިންސާނީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ޤާއިމްކޮށް ތަރައްޤީ ކުރުމަކީ، ނުހަނު އަގުބޮޑު މަސައްކަތެއް ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި، ހިއުމަން ރައިޓްސް ކޮމިޝަންގެ ފަރާތުން މި ފަށްޓަވާ މަސައްކަތަކީ، ޤައުމަށް ވަރަށް ބޭނުންތެރި، މުހިންމު މަސައްކަތެއް ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ. އަދި ސިޔާސީ ކަންކަމުގެ ސަބަބުން މުޅި ޤައުމުގެ އިޖްތިމާޢީ ބަދަހިކަން ނެތިގޮސްފައިވީހިނދު، މިފަދަ ދިރާސާއެއް އެންމެ އެކަށީގެންވާ ގޮތެއްގައި ކުރެވޭނެ އެއްފަރާތަކީވެސް ހިއުމަން ރައިޓްސް ކޮމިޝަން ކަމަށް އެކަމަނާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މި ދިރާސާގެ މަސައްކަތް ހިނގަމުންދާއިރުއާއި އަދި ދިރާސާ ނިންމައި، އޭގެ ނަތީޖާ އެކަށައަޅާއިރު، ޚާއްޞަ އެހީތެރިކަމަށް ބޭނުންވެފައި ތިބި ކުދިން ތަޢުލީމުން މަޙްރޫމްވެފައިވާ ޙަޤީޤީ ސަބަބުތައް، ސަރުކާރުގެ މަސްއޫލުވެރި ފަރާތްތަކަށާއި އަދި ރައްޔިތުންނަށް ހާމަކޮށްދެއްވުމަށް އެކަމަނާ އިލްތިމާސް ކުރެއްވިއެވެ. އަދި މިކަންކަން ސާފުވުމާއެކު، މިކަންކަމުގައި ޢަމަލުކުރަންވީ ގޮތްތަކާއި، ނަތީޖާ ޙާޞިލު ކުރެވޭނެ މަގުތައް، ސަރުކާރަށާއި އަދި އެހެން ފަރާތްތަކަށް ވަރަށް ސާފުކޮށް ފެނިގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ. ހަމައެއާއެކު، އަމިއްލަ ވިޔަފާރި ކުންފުނިތަކާއި، ފުދުންތެރި ފަރުދުން ސަރުކާރާ ބައިވެރިވެވަޑައިގެން، ރާއްޖޭގައި ތަޢުލީމު ޙާޞިލު ކުރުމުން މަޙްރޫމްވެފައި ހުރި އެއްވެސް ކުއްޖަކު ނުބަހައްޓަވައި، ޤައުމަށް ދިމާވެފައިމިވާ ބޮޑު މައްސަލައަށް ޙައްލެއް ގެނެސްދެއްވުމަށްވެސް އެކަމަނާ ގޮވާލެއްވިއެވެ.