ރާއްޖޭގެ މަތީ ތަޢުލީމުގެ ނިޒާމު ތަރައްޤީ ކުރަމުންދާއިރު، ރަޙްމަތްތެރި ޤައުމުތަކުން ލިބޭ ސްކޮލަރޝިޕްތަކުގެ ބޭނުން، އެންމެ ފުރިހަމަ ގޮތުގައި ހިފުމަކީ، ވަރަށް މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އޮސްޓްރޭލިއާ ސަރުކާރުގެ އެހީދޭ ޖަމާޢަތް ކަމަށްވާ [އޮސްއެއިޑް] އިން 2013 ވަނަ އަހަރަށް ރާއްޖެއަށް ދެއްވި 33 ސްކޮލަރޝިޕް، އެ ސްކޮލަރޝިޕްތައް ލިބުނު ކުދިންނާ ޙަވާލުކުރެއްވުމުގެ ރަސްމިއްޔާތުގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ޓްރޭޑަރސް ހޮޓެލްގައި އޮތް މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއާ ދޭތެރޭ ބަހައްޓަވާ ގާތް ރަޙްމަތްތެރި ކަމުގެ ގުޅުމުގެ އަގު، ދިވެހި ސަރުކާރުން ވަޒަން ކުރައްވާ ކަމުގައި ވިދާޅުވެ، އޮސްއެއިޑުން މިދެއްވާ ސްކޮލަރޝިޕްތަކަކީ، ރާއްޖެއާއި އޮސްޓްރޭލިއާއާ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދިޔުމުގެ ވަސީލަތެއްކަން ފާހަގަކުރެއްވިއެވެ. އަދި އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކުރައްވައި، އޮސްޓްރޭލިއާ ސަރުކާރަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

އޮސްއެއިޑްގެ ސްކޮލަރޝިޕްތައް ލިބުނު ކުދިންނާ މުޚާޠަބު ކުރައްވަމުން، މިލިބުނު ފުރްޞަތުގެ ބޭނުން ރަނގަޅަށް ހިފުމަށް، އެކުދިންނަށް ރައީސުލްޖުމްހޫރިއްޔާ ނަޞޭޙަތްތެރިވެވަޑައިގެންނެވިއެވެ. އަދި ތަޢުލީމް ޙާޞިލްކޮށް ނިމިގެން، އެނބުރި އައިސް، އެހުރިހާ ކުދިންވެސް ޤައުމަށް ޚިދްމަތް ކުރުމުގައި ދެމިތިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

2013 ވަނަ އަހަރު އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ދެއްވާފައިވަނީ، ފަސްޓް ޑިގްރީގެ 16 ކޯހަކާއި، މާސްޓަރޒް ޑިގްރީގެ 17 ކޯހެކެވެ. މި ކޯސްތައް ދެއްވާފައިވަނީ، ތަޢުލީމީ ދާއިރާއިންނާއި، ޞިއްޙީ ދާއިރާއިންނާއި، ތިމާވެށީގެ ދާއިރާއިންނާއި، އިންޖިނިއަރިންގގެ ދާއިރާއިންނެވެ.