އ.ދ.ގެ އާބާދީއާބެހޭ ޖަމްޢިއްޔާ، އޫ.އެން.އެފް.ޕީ.އޭ އިން އެކުލަވާލާފައިވާ ދުނިޔޭގެ އާބާދީއާބެހޭ މިއަހަރުގެ ރިޕޯޓު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން ނެރުއްވައިދެއްވައިފިއެވެ.

ޔޫ.އެން. ބިލްޑިންގ ގައި މިއަދު ހަވީރު އޮތް މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މާބަނޑުވުމަކީ އަންހެނާއަށް ލިބިދޭންޖެހޭ އިޚްތިޔާރެއްކަމަށް ހެދުމަކީ މުހިންމުކަމެއް ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އަދި އެއީ ލިބިދޭންޖެހޭ އިންސާނީ ޙައްޤެއް ކަމަށާއި، މިގޮތަށް އަންހެނާއަށް އިޚްތިޔާރު ދިނުމުން، އޭގެ ސަބަބުން ދަރިންނަށް ރަނގަޅު ތަޢުލީމެއް ދިނުމަށާއި، ދުޅަހެޔޮ ޞިއްޙަތެއްގައި އެކުދިން ބޮޑުކުރުމަށް މަގުފަހި ކުރެވޭނެކަން ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ކޮންމެ ޢާއިލާއެއްގައި، ނުވަތަ ކޮންމެ ދެމަފިރިއަކު ނިންމާ ނިންމުންތަކުގައި ދެފަރާތުގެ ހިއްސާވެސް ހަމަހަމައަށް އޮންނަންވާނެ ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ޢާއިލާ ރޭވުމަކީ ހަމައެކަނި ދޭތެރެ ދުރުކުރުމެއް ނޫންކަމަށާއި، އެއަށްވުރެ ބޮޑަށް އެއީ އިޖްތިމާޢީ ޒިންމާއެއްކަންވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި އެއީ، އިންސާނީ ޙައްޤާއި ތަރައްޤީއާވެސް ގުޅިފައިވާ ކަމެއް ކަމަށާއި، ބޭނުންވެގެން ކުދިން ހޯދުމުގެ ސަބަބުން މުޅި މުޖުތަމަޢުގެ މުސްތަޤްބަލު އުޖާލާވެގެންދާނެ ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.