ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ޗައިނާގެ ސްޓޭންޑިންގ ކޮމިޓީ އޮފް ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގެ ވައިސް ޗެއަރވުމަން ޗެން ޒިލީއާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 40 އަހަރު ވެފައިވާކަން ފާހަގަކުރައްވައި، އެ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ މައްޗަށް ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްޤީއަށްޓަކައި އެކި ދާއިރާތަކުން ޗައިނާ ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި، އެކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި ރާއްޖޭގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކުގެ މަޢުލޫމާތު ޙިއްޞާ ކުރެއްވިއެވެ. ޗައިނާގެ ތަރައްޤީއަށްޓަކައި ޗައިނާ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ސަބަބުން، އެޤައުމަށް އިތުރު އިޤްތިޞާދީ ތަރައްޤީ ލިބިގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޗައިނާގެ ސްޓޭންޑިންގ ކޮމިޓީ އޮފް ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގެ ވައިސް ޗެއަރވުމަން ދެއްކެވި ވާހަކަފުޅުގައި، ޗައިނާގެ ތަރައްޤީއަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާ ކުރެއްވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެށްޓަށް ކުރިމަތިވާ އެކިއެކި މައްސަލަތައް ޙައްލުކުރުމަށް، އެޤައުމުން ވަރަށް މުހިންމު ކަމެއް ދެއްވާ ކަމުގައި ވިދާޅުވެ، ދުނިޔޭގެ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތަކުގައި، ޗައިނާއިން އަބަދުވެސް ވަރަށްބޮޑު ޙިއްޞާއެއް ވެދޭނެކަން އެކަމަނާ ހާމަކުރެއްވިއެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި، ދިވެހި ސަރުކާރުން ޗައިނާ ސަރުކާރަށް ދެއްވާ އެއްބާރުލެއްވުންވެސް ފާހަގަކުރައްވައި، އެކަމަށްޓަކައި އެކަމަނާ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރެއްވިއެވެ.

ޗައިނާގެ އެހީތެރިކަމުގައި ރާއްޖޭގައި ހިންގަމުންދާ އަދި ހިންގުމަށް ހަމަޖެހިފައިވާ އެކިއެކި މަޝްރޫޢުތަކުގެ މައްޗަށް އެކަމަނާ އަލިއަޅުއްވާލައްވަމުން، ޗައިނާއިން ދެމުންގެންދާ އެހީތެރިކަން އަބަދުވެސް ލިބޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ.