އެމެރިކާގެ ޑެޕިޔުޓީ އެސިސްޓެންޓް ސެކްރެޓަރީ ފޮރ ސައުތު އެންޑް ސެންޓްރަލް އޭޝިޔާ، އެލިސާ އަޔަރޒް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި، ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙާއި، އިޤްތިޞާދީ ހާލަތާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި އެލިސާ އަޔަރޒް، ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް އެކި ދާއިރާތަކުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއި، ރާއްޖޭގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރަން ފެށުމަށް ކުރެވެމުންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު އެލިސާ އަޔަރޒަށް ދެއްވިއެވެ. އަދި އެމެރިކާ ސަރުކާރުގެ ފަރާތުން، ރާއްޖެއަށް ދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި އެކަމަނާއަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.