މިހާރުގެ ސަރުކާރު އޮތީ ހުރިހާ ކައުންސިލްތަކާ އެކީގައި މަސައްކަތް ކުރަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު މާޅޮސްމަޑުލު އުތުރުބުރީގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު މާކުރަތަށް ވަޑައިގެން، މިރޭ އިރާކޮޅު އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މިއަދު ދިވެހި ދައުލަތުން ތިބީ ހުރިހާ ރަށެއްގެ، ހުރިހާ ރައްޔިތުންނަށް، ވަކިބަޔަކު ތަފާތުނުކޮށް، ދައުލަތަށް ވެދެއްވެންހުރި ހުރިހާ އެހީތެރިކަމެއް ދެއްވަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެއްގޮތަކަށްވެސް ވަކި ރަށެއްގައި ވަކި ކައުންސިލެއް އޮވެގެން، ވަކި ރަށެއްގައި ވަކި ކަހަލަ ދިދައެއް ދަމާތީ، އެރަށަކަށް ކަންތައް ނުކުރާ އުޞޫލެއް، މި ސަރުކާރަކުން ނުގެންގުޅުއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ކޮންމެ ޕާޓީއެއްގެ ކައުންސިލެއް އޮތަސް، އެރަށަކަށް ދޭންޖެހޭ އަސާސީ ޚިދްމަތްތައް ދިނުމަކީ، ދައުލަތުގެ ޒިންމާއެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، ހުރިހާ ރަށަކަށްވެސް ހަމަހަމައަށް ކަންތައް ކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރަށްރަށުގެ ކައުންސިލްތަކުގެ މެންބަރުންނަކީވެސް ދައުލަތުގެ މުވައްޒަފުން ކަމަށާއި، އެހެންކަމުން ކައުންސިލް މެންބަރުންގެ އެހީތެރިކަމާއި އެއްބާރުލުން ރައީސުލްޖުމްހޫރިއްޔާއަށާއި، ދައުލަތުގެ ވަޒީރުންނަށް ލިބިދެއްވުމަކީ، ޤާނޫނީގޮތުން އެބޭފުޅުން ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި އެއީކީ އެބޭފުޅުންގެ ހިތްޕުޅަށް ފެނިވަޑައިގަންނަވާހާ ގޮތަކަށް، އެބޭފުޅުންގެ އިޚްތިޔާރަށް ދޫކޮށްލެވިފައި އޮންނަ ކަމެއް ނޫން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މާކުރަތުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެރަށު ރައްޔިތުންނަށް ދައުލަތުން ކޮށްދެއްވަންޖެހޭ ހުރިހާ ކަމެއް ކޮށްދިނުމުގައި ކުޑަކޮށްވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމާއި، އިހުމާލުވެވަޑައިނުގަންނަވާނެ ނުވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މާކުރަތުގެ ތަރައްޤީއަށް ކުރަން ޖެހިފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ރައްޔިތުން އެދޭ ކަންކަން ފުރިހަމަކޮށްދެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާއާއި ދައުލަތުގެ ވަޒީރުންވެސް ރައްޔިތުންނަށް ދެއްވަންޖެހޭ ހުރިހާ އެއްބާރުލެއްވުމެއް ދެއްވާނެ ކަމުގައި ވިދާޅުވިއެވެ.