ކިތަންމެ އުނދަގުލުގައި މަސައްކަތް ކުރައްވަން ޖެހިވަޑައިގެންނެވި ކަމުގައިވިޔަސް، ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކަންތައްތައް ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު މާޅޮސްމަޑުލު އުތުރުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އިންނަމާދުއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ މިއަދު ހަވީރު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން އަދި ޤާނޫނީ އިމުގެ ތެރެއިން ކަންކަން ކުރުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށާއި، އެއްވެސް މީހަކަށް ޤާނޫނަށްވުރެ މަތީގައި ހުރެވިގެން ނުވާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖެއަށް ބަދަލުތައް އަންނަމުންދިޔަ ކަމުގައިވިޔަސް، މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ޤައުމިއްޔަތު ދެމެހެއްޓުމަށް އަބަދުވެސް އަޅުގަނޑުމެން އަހަންމިއްޔަތުކަން ދޭންޖެހޭނެ ކަމުގައި ވިދާޅުވިއެވެ. ހަމައެއާއެކު، މި ދިވެހި މުޖްތަމަޢަކީ، ޞުލްޙަވެރި، އެކުވެރިކަމާއި އެއްބާރުލުމުގެ މުޖްތަމަޢަކަށް އަދި ކުށް މަދު މުޖްތަމަޢަކަށް ހަދަންޖެހޭ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ރަށްރަށަކީ، ރައްކާތެރި އަދި މަސްތުވާތަކެތިން ސަލާމަތްވެފައިވާ އަމާން ރަށްރަށަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ.

އަޅުގަނޑުމެންގެ ޅަދަރިންނަށް ހަރުދަނާ ތަރުބިއްޔަތެއް ދިނުމުގެ މުހިންމު ކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ރަނގަޅު ހަރުދަނާ ތަރުބިއްޔަތެއް ދަރިންނަށް ދެވިއްޖެނަމަ، މުޅި މުޖްތަމަޢުގެ އެންމެންނަކީ، ޤާނޫނުތަކަށާއި ގަވާއިދުތަކަށް ޙުރްމަތްތެރިކޮށްހިތާ ބަޔަކަށްވާނެ ކަމުގައި ވިދާޅުވިއެވެ.

އިންނަމާދުއަކީ ރާއްޖޭގެ އެހެން ބައެއް ރަށްރަށާ ޚިލާފަށް، ކުށްކުރުން މަދު ރަށެއްކަން ފާހަގަކުރައްވަމުން، އެއިން ދައްކައިދެނީ، އިންނަމާދޫ ރައްޔިތުން ޤާނޫނުތަކަށާއި ގަވާއިދުތަކަށް ބޯލަނބައި ޙުރްމަތްތެރިކޮށްހިތާ މިންވަރު ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.