ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، މާޅޮސްމަޑުލު އުތުރުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހެނދުނު ރަސްމާދުއަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.

ރަސްމާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރަށެއްގެ ދިރުމަކީ، ރަށުގެ ރައްޔިތުން ކަމަށާއި، ޒުވާނުންނާއި ކުޑަކުދިންނަކީ، ރަށުގެ ތަރައްޤީގެ މޫނުބަލާ ލޯގަނޑު ކަމަށް ވިދާޅުވިއެވެ. ރަށުގެ ޒުވާނުންގެ ޙަރަކާތްތަކަށް ރައިސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ޒުވާނުން ވަރަށް ޙަރަކާތްތެރިކަމާ އެކީގައި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގެ ދަލީލުތައް ފެންނަން އެބަހުރި ކަމަށް ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ޒުވާނުންގެ ޖަމްޢިއްޔާގެ ފަރާތުން ޒުވާނުންގެ ޙަރަކާތްތައް ހިންގޭނެ ތަނެއް ޢިމާރާތް ކުރުމުގެ މަސައްކަތް ވަރަށްބޮޑަށް ކުރިއަށް ގޮސްފައިވާކަން ފާހަގަކުރައްވައި، އެކަމުގައި ވެދެއްވެން އޮތް އެހީތެރިކަމެއް ވެދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރަސްމާދޫ ބަނދަރު ފުންކުރުމުގެ މަސައްކަތް ކުރަން ޖެހިފައިވާ ކަމަށާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގައި ދަންނަވައިގެން، އިރާދަކުރެއްވިއްޔާ ބަނދަރު ފުންކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރެވިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ބޯޅަދަނޑުގެ ފަސްގަނޑު އެއްވަރުކުރުމުގެ މަސައްކަތް ކޮށްދެއްވާނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ރަސްމާދޫ ސްކޫލުގައި ހޯލެއް ހެދުމުގެ މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވެ، އެކަމުގައި ކޮންމެވެސް ގޮތެއް ހޯއްދަވައި ދެއްވުމަށް، އެޑިޔުކޭޝަން މިނިސްޓަރު އަރިހުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.
ރައިސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ފެނަކަ ކުންފުންޏާ ވާހަކަ ދައްކަވައިގެން، ރަށުގެ ކަރަންޓުގެ ކަންތައްތައްވެސް ރަނގަޅު ކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.