ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޑޮކްޓަރ އަފްރާޝީމް ޢަލީ، އަވަހާރަކޮށްލި ހާދިސާގެ ތަޙުޤީޤުގައި ވަރަށް ބޮޑެތި ކާމިޔާބީތަކެއް ހޯދިއްޖެ ކަމަށާއި، ކުރިއަށް މި އޮތް ދާދި މަދު ދުވަސްކޮޅުގެ ތެރޭގައި އެކަމުގެ ތަފުޞީލު ފުލުހުން ހާމަކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މާޅޮސްމަޑުލު އުތުރުބުރިއަށް އެމަނިކުފާނު މިއަދު ފެށްޓެވި ދަތުރުފުޅުގައި، އުނގޫފާރަށް ވަޑައިގެން، މިރޭ އުނގޫފާރު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހި ދައުލަތަށް ލިބެން ހުރި ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން، އަދި ރާއްޖެއިން ބޭރުން އެކިއެކި ވަސީލަތްތައް ބޭނުންކޮށްގެން މިކަމުގެ ތަޙުޤީޤު ކުރަމުންދާތާ ދުވަސްތަކެއްވެއްޖެކަން ފާހަގަކުރެއްވިއެވެ. އޭގެ ނަތީޖާ ދައްކަމުން އަންނަ ކަމަށާއި، ތަޙުޤީޤު ދަނީ ރަނގަޅަށް ކަމަށާއި، ފުލުހުންގެ ފަރާތުން އެ ތަފްޞީލު ހާމަކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިކަމާބެހޭ ޙަޤީޤަތް ސާފުވެގެންދާއިރުގައި އެކަންވާނީ ވަކި ފަރާތަކަށް ނުޖެހި، ކަމުގެ ޙަޤީޤަތް ވީހާވެސް ރަނގަޅަކަށް ހާމަކުރެވޭ ހާމަކުރުމަކަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޑޮކްޓަރ އަފްރާޝީމް ޢަލީއަކީ، ވަރަށް ހިތްޕުޅު ހެޔޮ، ރަޙްމަތްތެރިންނާ ދޭތެރޭގައި ވަރަށް އޯގާތެރި ބޭފުޅެއް ކަމަށާއި، އެމަނިކުފާނަކީ މިހާތަނަށް ދިވެހިރާއްޖެ ދުށް ދީނީ ޢިލްމުވެރިންގެ ތެރޭގައި ހޮވާލެވިގެން ނެގޭފަދަ ކުޅަދާނަ ޢާލިމެއް ކަމަށް ވިދާޅުވިއެވެ. އަދި އެމަނިކުފާނު މި ދުނިޔެ ދޫކުރައްވައި ވަޑައިގަތުމުން، ދިވެހި އުންމަތަށްވަނީ ވަރަށްބޮޑު އުނިކަމެއް ލިބި ވަރަށް ބޮޑު ހިތާމައަކާ ކުރިމަތިވެފައި ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އަދުގެ ދިވެހިރާއްޖެއަކީ އިހުގެ ދިވެހިރާއްޖެއެއް ނޫން ކަމަށާއި، މިއަދު ރާއްޖެ މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައިކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ރައްޔިތުން އިހުގައި އުޅެމުން ގެންދިޔައީ ވަރަށް އަމާން މާޙައުލެއްގައި، ރާއްޖޭގެ ރަށްތަކުގައި ވަރަށް ސުލްހަވެރިކަމާއެކީގައިކަންވެސް ފާހަގަކުރެއްވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން ރާޢްޖޭގެ ރައްޔިތުން ބިރުގަންނަންޖެހޭ އާ ކަންތައްތަކަކާ މިއަދުވަނީ ކުރިމަތިލާންޖެހިފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.