ފިކުރީ ތަފާތުތައް ބޮޑުކޮށްގެން، އެއްބަޔަކު އަނެއް ބަޔަކަށް ޖެއްސުން ކުރުމުގެ ޢަމަލުތައް ނުހިންގުމަށް، ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު އިލްތިމާސް ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސް ކުރެއްވީ، މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހަށް މިއަދު ހަވީރު އެމަނިކުފާނު ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރާއްޖޭގައި މިއޮތް ޅަ ޑިމޮކްރަސީ ރަނގަޅަށް ހިންގުމަށްޓަކައި، ހުރިހާ ފަރާތެއްގެ އެއްބާރުލުން ވަރަށް މުހިންމު ކަމަށާއި، އެހެންކަމުން، ރައްޔިތުންގެ މަޖިލީހާއި ސަރުކާރާއި ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތް ކުރުމަކީ، ވަރަށް މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ރާއްޖެ، އަޅުގަނޑުމެންނަށް ރާއްޖެއަކަށް ހެދޭނީ، ރާއްޖޭގައި އޮތް ހިތްފަސޭހަކަމާއި، ފާގަތިކަމާއި، އެއްބައިވަންތަކަމާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި، އިސްލާމީ އުޚުއްވަތްތެރިކަން ސަލާމަތްކޮށްގެނެވެ.

ކިނޮޅަހު ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ މިއަދުގެ ޙާލަތު އޮތްގޮތުގެ މައްޗަށް ބައްލަވާލައްވަމުން، ކޮންމެ ރަށަކުންވެސް އެމަނިކުފާނަށް އިވިވަޑައިގަންނަވަނީ، ކުރަންހުރި ވަރަށްގިނަ ކަންތައްތަކެއްގެ ވާހަކަ ކަމުގައި ވިދާޅުވިއެވެ. ރާއްޖެއަށް ފުދޭވަރެއްގެ ރަނގަޅު އާމްދަނީއެއް ލިބޭތާ ލައްކަ ޒަމާންވެގެންދިޔައިރު، އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތް ފެށި، މަސްވެރިކަން ކުރިއަށްގޮސް، ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެގެންދިޔައިރު، އެކަންކަން ނުކުރެވި ހުރިކަން އެއީ މިއަދު އަޅުގަނޑުމެން ހިތާމަކުރަންޖެހޭ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ޙަޤީޤީ ތަރައްޤީ ގެނައުމަށްޓަކައި އަދި މުޖްތަމަޢު އެކަންކަމަށް އަހުލުވެރި ކުރުވުމަށްޓަކައި، ރާވަންޖެހޭ ރޭވުންތައް ރޭވުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނެތްކަންވެސް ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ.

ރާއްޖޭގެ ކަންކަން ރޭވުމަށްޓަކައި، މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، އެހެން ނަމަވެސް، އެކުރެވުނު މަސައްކަތްތަކުގެ ނަތީޖާ އަޅުގަނޑުމެންނަށް މިފެންނަނީ އެންމެ ރަނގަޅަށްތޯ، މިއީ ކޮށްލުން އެންމެ ރަނގަޅު ސުވާލެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރާއްޖެއަށް ލިބޭ އާމްދަނީ ކުޑަނޫންކަން ފާހަގަކުރައްވަމުން، މިއަދު ރާއްޖެއަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް މި ހޭދަވަނީ، އެކިވަރުވަރުގެ ވެރިންގެ މުސާރައަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދު ރާއްޖޭގެ ސިޔާސީ ނިޒާމު ރޭވިފައި އޮތްގޮތުން، ރާއްޖޭގެ ވެރިއަކަށް ހުންނަ މީހާގެ އަތުގައި ހުރި ހުރިހާ ބާރުތައްވަނީ ކޮށައި ކުދިކުދިކޮށް ބަހާލާފައި ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި، ރައީސް މައުމޫން ހުންނެވިއިރު، އޭރު އޮތް ރައްޔިތުންގެ މަޖިލީހުން ޤާނޫނުތައް ހެދި ހެދުމުގައި، އެމަނިކުފާނުގެ ބާރުތައް ކަނޑުވާލީ ކަމަށާއި، އާ ޤާނޫނުއަސާސީ ލިބުނުއިރު، ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ވަނީ އަތުލާފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އޭގެފަހުން ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ވަޑައިގެންނެވި ރައީސް މުޙަންމަދު ނަޝީދަށްވެސް ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު ނެތުމާއެކު، ރައީސް ނަޝީދުގެ އަތްޕުޅުގައި އޮތް ހުރިހާ ބާރެއްވެސް ކަނޑުވާލީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެކި ބާވަތްބާވަތުގެ މުސްތަޤިއްލު މުއައްސަސާތައް، އެކި ނަން ނަމުގައި ހަދަމުން ގޮސް، އެ މުއައްސަސާތަކަށް އެކިއެކި ބާރުތައް ދޫކޮށް، އެމީހުންގެ މުސާރަތައް އަމިއްލައަށް ނިންމައި، ދައުލަތުގެ ބަޖެޓަށް ކުރާނެ އެއްވެސް އަސަރަކަށް ނުބަލައި، ޤާނޫނުތައް ފާސްކުރަމުން ގެންދިޔައީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންވީމާ، މިއަދު ދައުލަތުގެ ބަޖެޓުން ޚަރަދު މިކުރެވެނީ، ރައްޔިތުންނަށް އެންމެ ރަނގަޅަށް، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށްތޯ، މި ސުވާލު އަޅުގަނޑުމެން ކުރަން އެބަޖެހޭ ކަމަށާއި، މިކަމާ ދޭތެރޭގައި ވިސްނަންޖެހޭ ކަމުގައި ވިދާޅުވިއެވެ. މިކަންކަން ކުރެވޭނީ، ދައުލަތް ހިންގަން މިވަގުތު ހުރި މުއައްސަސާތަކުންވެސް، އެއްބަޔަކު އަނެއް ބަޔަކާ އެކުވެރިވެގެން، އެއްބާރުލައިގެން ކަމަށާއި، ސިޔާސީ ފިކުރުގެ ތަފާތުތައް ހުރެގެނެއް، އެއްބަޔަކު އަނެއް ބަޔަކާ ވާހަކައެއް ނުދެއްކޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކިނޮޅަހު ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު އެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހެޅިފައިވާ ހުށަހެޅުމަށްވެސް އިޝާރާތް ކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަސައްކަތް ކުރައްވާ ގޮތާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ފާޑުކިޔުމެވެ. އަދިވެސް އެމަނިކުފާނު ވިދާޅުވިއެވެ. [އެއްބަޔަކު ދެކޭގޮތުގައި، ދިވެހިރާއްޖޭގައި މިހާރު ވެރިއަކު ނުހުރޭ. ދިވެހިރާއްޖޭގައި ތިބެނީ އެއްވަރުގެ ވެރިން. އެތައް ބައިވަރު ވެރިންތަކެއް. އެހެންވީމާ، ހުރިހާ އެންމެން ދެން ދައުލަތް ހިންގާނެ ގޮތަކަށް ހިންގަންވީ. އެހެންވީމާ، އިސްކޮށް ހުންނަ މީހަކު ނުވާނެ އަނގައިން ބުނެގެނެއް. ބުނެފިއްޔާ ވަކިކޮށްލަންވީ އަވަހަށް. މި ދަރަޖައިގައި ދިވެހިރާއްޖޭގެ ސިޔާސީ ޙާލަތު މިއަދު މިއޮތީ. އެކަމާވެސް އެއްޗެއް ބުނާ މީހާ މި ގޯސްވަނީ.]

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނު ދުނިޔޭގެ އެންމެ ބޮޑަށް ތަރައްޤީވެފައިވާ ޤައުމުތަކުގަޔާއި، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގަޔާއި، އެންމެ ބޮޑެތި ޑިމޮކްރަސީތަކުގައިވެސް އަދި ޚުދުމުޚްތާރު ވެރިކަންކުރި ޤައުމުތަކުގައިވެސް މަސައްކަތްޕުޅު ކުރައްވައިފި ކަމަށާއި، އެހެން ނަމަވެސް، ރާއްޖެއިން މިފެންނަ ކަހަލަ ކަންތައްތައް ފެނިވަޑައިނުގަންނަވާ ކަމުގައި ވިދާޅުވިއެވެ. ރާއްޖެއަށް މިއައި ބަދަލު އައިސްފައި މިއޮތީ، ވަރަށް ކުއްލި ގޮތަކަށް ކަމަށާއި، ކުއްލިއަކަށް މިހާ ބޮޑެތި ބަދަލުތަކެއް ރާއްޖެއަށް މިއައީ، އޭގެ ސަބަބުން ރައްޔިތުންނަށް ކުރާނެ އަސަރުތަކާ ދޭތެރޭގައި މާބޮޑު ފިކުރެއްނެތި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.