ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މިހާރު ހުރި ކަރަންޓްގެ އަގުތަކަކީ، ހުންނަންވީ ވަރަށްވުރެ، މާ މަތީ ފެންވަރެއްގައި ހުރި އަގުތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު މާޅޮސްމަޑުލު އުތުރުބުރީގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު މެންދުރުފަހު އެއަތޮޅު ފައިނަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގައި ކަރަންޓް އުފެއްދުމަށްޓަކައި ޑީސަލް ބޭނުންކޮށްގެން މިކުރާ ޚަރަދަކީ، ދެމެހެއްޓެނިވި ގޮތެއްގައި، މި ޤައުމަށް ކުރެވޭނެ ޚަރަދެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އިޢާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން، ކަރަންޓްގެ ޚަރަދު ކުޑަކުރުމަށްޓަކައި ކުރެވޭ މަސައްކަތަކީ، އެކަމަށް ޙައްލެއް ހޯދަން ފެށިފައިވާ މަސައްކަތެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ފައިނަކީ ކިތަންމެ މަދު މީސްކޮޅެއް އުޅޭ ރަށެއް ކަމުގައިވީނަމަވެސް، ފައިނުގެ ކަރަންޓްގެ ކަންތައްތައްވެސް، އިޢާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން، ކުރިއަށް ގެންދެވިއްޖެނަމަ އަދި ކަރަންޓްގެ އަގު ތިރިކުރެވޭނެގޮތް އިންތިޒާމު ކުރެވިއްޖެނަމަ، އެކަން ވާނީ މުޅި ރާއްޖެއަށްވެސް ދެވޭ ވަރަށްބޮޑު ފިލާވަޅަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އޭގެ އަލީގައި، ރާއްޖޭގެ އެހެނިހެން ހުރިހާ ރަށްރަށެއްގައިވެސް، ކަރަންޓްގެ ކަންތައްތައް މިހާރަށްވުރެ ރަނގަޅަށް އިންތިޒާމު ކުރެވިގެން، އިޢާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން، ރާއްޖޭގެ ތަރައްޤީއަށް އޭގެ ސަބަބުން ވަރަށް އެދެވޭ ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ނުކޮށެއް، ރާއްޖެއެއްވެސް އަދި ރަށްރަށެއްވެސް ކުރިއަކަށް ނުދާނެކަން ފާހަގަކުރެއްވިއެވެ. އަދި އަޅުގަނޑުމެންގެ ތެރޭގައި ބައިބައިވުންތައް އުފެދި، އެއްބަޔަކު ކުރާ މަސައްކަތަށް އަނެއް ބަޔަކު ހުރަސްއަޅާނަމަ، ރާއްޖެއަށް ޙަޤީޤީ ތަރައްޤީއެއް ނުލިބޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އަޅުގަނޑުމެންގެ ފިކުރީ ޚިޔާލުތައް އެއްކިބާކޮށްފައި، ރަށުގެ ތަރައްޤީއަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ. އަދި ރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ކަންކަމުގައި، ދައުލަތުގެ ކެރިފޯރުންތެރިކަން ހުރިވަރަކުން މަސައްކަތް ކޮށްދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރަށުގެ ބަނދަރުގެ މަސައްކަތް ހުއްޓިފައިވާތީ، އެކަމާ ހިތާމަ ކުރައްވާ ކަމަށާއި، އިރާދަކުރެއްވިއްޔާ، މާލަހެއްނުވެ އެމަސައްކަތް ފެށޭނެ ކަމުގައި ވިދާޅުވިއެވެ. އަދި ރަށުގެ ބަނދަރުގެ މަސައްކަތް ހުއްޓިފައިވަނީ، އެކަން ކުރުމަށް ނާޤާބިލް ބަޔަކާ މަސައްކަތް ޙަވާލުކުރެވިގެން ކަމުގައިވެސް ވިދާޅުވިއެވެ.