މާޅޮސްމަޑުލު އުތުރުބުރީގައި އަންނަ އަހަރު ވައިގެ ބަނދަރެއް ހުޅުވިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު އެއަތޮޅުގެ ރަށްރަށަށް މިއަދު ހެނދުނު ފެށްޓެވި ދަތުރުފުޅުގައި، މިއަދު މެންދުރުފަހު އިނގުރައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިނގުރައިދޫ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުމުގެ މައްޗަށް ބައްލަވާލައްވަމުން، ރަށުގެ ރައްޔިތުން ވަރަށްބުރަ މަސައްކަތް ކުރައްވައިގެން، ވަރަށް ރީތި ބޮޑު މިސްކިތެއް ޢިމާރާތްކޮށް ނިމެމުންދާކަން އެއީ، ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި އެކަމުން ދައްކައިދެނީ، ރަށުގެ ރައްޔިތުން، އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވެދޭ، ރައްޔިތުން ކަންކަމަށް އިސްކަންދޭ މިންވަރު ކަމުގައި ވިދާޅުވެ، އެކަމަށްޓަކައި އެރަށުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

ރަށްރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ވަރަށްގިނަ ކަންތައްތައް އެބަހުރިކަން ފާހަގަކުރައްވަމުން، ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ، އެކަންކަން ކޮށްދެއްވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ސަރުކާރާ ދޭތެރޭގައި ހިތްހަމަނުޖެހޭ ބަޔަކު ތިބި ކަމުގައިވީނަމަވެސް، އެއްވެސް ތަފާތެއް ނުކުރައްވައި އަދި ވަކި ކުލައަކަށް ބެއްލެވުމެއްނެތި، ރައްޔިތުން ބޭނުންވާ ކަންތައްތައް، ސަރުކާރުގެ މާލިއްޔަތު ތަންދިން މިންވަރަކުން ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން، ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މުޅި ރާއްޖޭގެ ގިނަ ޢަދަދެއްގެ ސްކޫލްތައް މިހާރުހުރީ ވަރަށް ބޮޑަށް މަރާމާތު ކުރަން ޖެހިފައި ކަމަށާއި، މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި، އެފަދަ އެއްވެސް މަސައްކަތެއް ކުރެވިފައި ނެތުމުގެ ސަބަބުން ފުރާޅުތަކާއި ފާޚާނާތައް ހަލާކުވެ، ސްކޫލްތަކުގެ ކްލާސްތަކުގައި ޖަހާފައިވާ ޕާޓިޝަންތައްވެސް ވަނީ މަރާމާތު ކުރަން ޖެހިފައި ކަމުގައި ވިދާޅުވިއެވެ. އެހެންވީމާ، ކުރިއަށް އޮތް އަހަރު ސަރުކާރުން އެންމެބޮޑު އަހަންމިއްޔަތެއް ދެއްވާނެ އެއްކަމަކީ، ސްކޫލްތަކުގެ ޢިމާރާތްތައް މަރާމާތު ކުރެއްވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އިނގުރައިދޫ ސްކޫލްވެސް މަރާމާތު ކުރަން ޖެހިފައިވާ ކަމަށް ވިދާޅުވެ އަދި ސްކޫލްގައި ޖާގައިގެ ދަތިކަން ހުރިނަމަވެސް، ސްކޫލް ވަރަށް ރަނގަޅަށް ހިނގަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މިދިޔަ އަހަރުގެ އިމްތިހާނުގެ ނަތީޖާ، އޭގެ ކުރީ އަހަރުގެ ނަތީޖާއަށްވުރެ ރަނގަޅުކަމަށް ވިދާޅުވެ، ސްކޫލްގެ ހިންގުންތެރިންނަށް ޝުކުރު އަދާކުރެއްވިއެވެ.

އިނގުރައިދުއަށް ދިމާވެފައިވާ ބައެއް ދަތިތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ. އަދި އެދަތިތައް ޙައްލު ކުރެއްވުމަށް، އެޅުއްވެންހުރި ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އެރަށުގެ ފަޅު ފުންކުރުމުގެ މަސައްކަތް، ހައުސިންގ މިނިސްޓްރީއާ ވާހަކަ ދައްކަވައިގެން، އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދެމަސްދުވަހުގެ ތެރޭގައި ފެށްޓެވޭވަރު ވާނެ ކަމުގައި ވިދާޅުވިއެވެ.