ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާއި، އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިން ބައިވެރިވެވަޑައިގެންފިއެވެ.

މި ރަސްމިއްޔާތުގައި، ނޮވެމްބަރ 3 އައުމުގެ ކުރިން ރާއްޖޭގައި އޮތް އަމާންކަމާއި، ޞުލްޙަވެރިކަމާ ބެހޭގޮތުން އަލްފާޟިލް ކަށިމާ އަޙްމަދު ޝާކިރު ވާހަކަފުޅު ދެއްކެވިއެވެ. އަދި 3 ނޮވެމްބަރުގައި ކުރެއްވުނު އިޙްސާސްތަކާ ބެހޭގޮތުން ޑޮކްޓަރ އިބްރާހީމް ޒަކަރިއްޔާ މޫސާވެސް ވާހަކަފުޅު ދެއްކެވިއެވެ. މީގެ އިތުރުން، 3 ދަރިވަރަކުވެސް ވާހަކަ ދެއްކިއެވެ. އެދުވަހުގެ ޢުދުވާނީ ޙަމަލާއާ ގުޅިގެން ސިފައިން ކުރި މަތިވެރި ޖިހާދާބެހޭގޮތުން ވާހަކަ ދެއްކީ، މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާޓްސްގެ ދަރިވަރު ވިލާދާ ޢަބްދުލްޢަޒީޒެވެ. ދެން ވާހަކަ ދެއްކީ، ވިލާ އިންޓަރނޭޝަނަލް ހައިސްކޫލްގެ ދެ ދަރިވަރެކެވެ. އަދި އެދުވަހު ދިވެހިންނަށް ލިބިގެންދިޔަ މަތިވެރި ނަޞްރާ ބެހޭގޮތުން ވާހަކަ ދެއްކީ، ފާޠިމަތު އަޝްފާއެވެ. ޤައުމުގެ ކުރިމަގުގެ މިނިވަންކަމަށްޓަކައި ކުރެވޭ އުންމީދުތަކާ ބެހޭގޮތުން ވާހަކަ ދެއްކީ، މުޙަންމަދު ނާއިފެވެ.

ނަޞްރުގެ ދުވަހާ ގުޅޭ ވަރަށް ގިނަ ހަރަކާތްތައް މި ރަސްމިއްޔާތުގައި ދައްކާލުން އޮތެވެ. މިގޮތުން ރާއްޖެއަށް ކުރިމަތިވި ޢުދުވާންތައް ކުރިމަތިވީ އަމިއްލަ މަޞްލަޙަތު އިސްކުރި، ޤައުމަށް ޚިޔާނާތްތެރި ޚާއިނުންނާއި ޣައްދާރުންގެ ސަބަބުން ކަމާއި، ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލުގެ ދިފާޢުގައި، އިސްލާމްދީނާއި ޤައުމީ އެއްބައިވަންތަކަމުގެ މުހިންމުކަމާއި، ދިވެހި ސިފައިން ކުރި މަތިވެރި ޖިހާދާއި އެދުވަހުގެ ނަޞްރުގެ މައްޗަށް ތައްޔާރުކޮށްފައިވާ ވީޑިއޯ ޕްރެޒެންޓޭޝަނެއް ހުށަހެޅިއެވެ. އަދި ޝަހީދު ކޯޕްރަލް ޙުސައިން އާދަމާ ބެހޭގޮތުން ތައްޔާރުކުރެވިފައިވާ ޚާއްޞަ ރިޕޯޓަކާއި، 3 ނޮވްމެބަރގައި ޝަހީދުވި ސިފައިންނާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ޚާއްޞަ ރިޕޯޓަކާއި، އެދުވަހު ޝަހީދުވި ޢާންމު ރައްޔިތުންނާ ގުޅޭގޮތުން ތައްޔާރު ކޮށްފައިވާ ރިޕޯޓަކާއި، އެދުވަހުގެ މަތިވެރި ޖިހާދުގައި ބައިވެރިވެވަޑައިގެންނެވި އަބްޠާލުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބެވި ބޭފުޅުންނާ ގުޅޭގޮތުން ތައްޔާރު ކުރެވިފައިވާ ރިޕޯޓެއްވެސް މި ރަސްމިއްޔާތުގައި ހުށަހެޅިއެވެ.

މި ރަސްމިއްޔާތުގައި، ނަޞްރުގެ ދުވަހާ ގުޅޭގޮތުން ތައްޔާރު ކުރެވިފައިވާ ހަތަރު ލަވައެއް ހުށަހެޅުންވެސް އޮތެވެ. މިލަވަތައް ހިމެނޭ ސީޑީ ނެރެދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދެވެ. އަދި އޯކެސްޓްރަލް ޕަރފޯމެންސެއް ދައްކާލުންވެސް އޮތެވެ.

މިރޭގެ ރަސްމިއްޔާތު ނިމިގެންދިޔައީ ބަޑިބޭހުގެ ކުޅިވަރުންނެވެ.